ރޯދަ މަހަށް ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް ބެހުމަށްޓަކައި އިތުރަށް ޓޯކަން ދޫކުރުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގައެވެ. އެ ދުވަހު މަސްދަޅުކޭސް ބަލައި ދިޔަ މީހުންގެ ކިޔު ދިގުވެ، އެކަމަށް ހައްލު ގެނައުމަށް އިއްޔެ ވަނީ ޓޯކަން ނަމްބަރެއް ދޫކުރަން ހަމަޖައްސައި، އެ ނަމްބަރު ނެގުމަށް ސްކޭން ކޯޑެއް ތައާރަފުކޮށްފައެވެ.

އެ ނިޒާމުގެ ތެރެއިން މާލެ ސަރަހައްދުގެ 13 ތަނަކުން 50 ޓޯކަން އާއި 200 ޓޯކަންއާ ދެމެދުގެ އަދަދަކަށް ނަމްބަރު ދޫކުރިއެވެ. އެއީ މާލޭގެ އިތުރުން ހުޅުމާލެ ފޭސް އެކެއް، ދޭއް، މާލެ އަދި ވިލިމާލެންނެވެ.

މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށްވުމާއެކު، ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިއަށްދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށާއި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ ކަމަށެވެ.

ރޭ އެ މަސައްކަތް ކުރިއަށްގެންދިޔައީ ވަރަށް އޮމާންކޮށް އަދި ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ކަމަށާއި ރެއަށްވުރެ އިތުރަށް ޓޯކަން ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

  • މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީހު (އަވަސްކޮށް) ރީޝެޑިއުލްކުރުމުގެ ފުރުސަތު ދިނުން.
  • ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަންޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  • މިއަދު ޓޯކަން ދޫކުރަން ފަށާ އިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިއަށްގެންދިއުން.