ރޯދަ މަހަށް ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް ބެހުމަށްޓަކައި ޓޯކަން ނިޒާމެއް ތައާރަފު ކުރަން ލޯކަލް ގަވަމެންޓް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި މަސްދަޅު ކޭސް ބެހުމުގައި ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް އިތުރު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ކިޔުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން، އޮންލައިން ނިޒާމުގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ، އެ ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން އެ ރެޔެއްގައި އެ މަރުކަޒަކުން އެ މީހަކަށް މަސްދަޅު ކޭސް ލިބޭނެ ކަމަށެވެ. އެކަމަށް ކަނޑައަޅާ ނިޒާމުގެ ތަފުސީލު އިއުލާން ކުރާނެ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ވަނީ މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތަކުން ރެޔަކަށް ދޫކުރާނެ ޓޯކަންގެ އަދަދުވެސް އިއުލާންކޮށްފައެވެ. އެގޮތުން:
- މިފްކޯ ކޮމްޕްލެކްސް (މާފަންނު) - 200 ޓޯކަން
- އެމްޓީސީސީ ސޯމިލް - 200 ޓޯކަން
- ހެންވޭރު ދަނޑު - 100 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 1 - 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 2 - 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 3 - 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 4 - 50 ޓޯކަން
- ސޯޝަލް ސެންޓަރު - 100 ޓޯކަން
- ވިލިމާލެ – ވެމްކޯ ސައިޓް - 100 ޓޯކަން
- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިން - 100 ޓޯކަން
- ހުޅުމާލެ – ޕޮލްކޯ ޓަވަރު (ސީ ބްލޮކް) - 100 ޓޯކަން
- ހުޅުމާލެ – ހިޔާ ޓަވަރު 10 - 100 ޓޯކަން
- ހުޅުމާލެ – ކާމިލްދީދީ ޕްރީ ސްކޫލު - 100 ޓޯކަން
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވާތީ ދުވާލު ރޯދަ ހަދިޔާ ދޫކުރުމެއް ނޯންނާނެ ކަމަށާއި މިއަދުން ފެށިގެން ރޯދަ ހަދިޔާ ބެހުން ކުރިއަށްގެންދާނީ ރޭގަނޑު 8.00 އިން 12.00 އަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު