ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަންހެނަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ. ފުލުހުން އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ފުލުހުން މިއަދު ބުނީ މަރްޔަމް ޒީނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

"މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވޭ،" ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.