މިއަހަރުގެ ރޯދަ މަހަށްފަހު ހަ ރަށެއްގެ މިސްކިތުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހއ ބާރަށް އަދި ތ. ވޭމަންޑޫގައި މިސްކިތް އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރޯދަ މަހުގެ ފަހުން މަސައްކަތް ފަށައި އަންނަ އަހަރުގެ ނިޔަލަށް ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގައި ސޯލާ އާއި އޭސީ ވެސް ހަރުކުރާނެ ކަމަށާއި ނެވިލޯން ވެސް އަޅާނެ ކަމަށެވެ. އަދި މިސްކިތްތައް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާ އެކު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި މަޝްރޫއުތަކަކީ ސަރުކާރުގެ ހަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތަކެއް. މަޝްރޫއުތަކުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ އިންޝާ ﷲ،" މިނިސްޓަރު ވިދާޅުވިއެވެ.
މިިނިސްޓަރު ވިދާޅުވި ގޮތުގައި މި މިސްކިތްތަކަކީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި މާހައުލާ ގުޅޭގޮތަށް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއް ކަމަށެވެ. މިއީ 300 މީހުން، 500 މީހުން، 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ވަކިވަކި ރަށްރަށުގައި ބިނާ ކުރަނީ ކިހާ ޖާގައިގެ މިސްކިތްތަކެއް ކަމެއް އަދި އެކަމަށް ހަރަދުވާނެ އަދަދެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ވެސް 35 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުގެ އެހީގައި 12 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިތުރު 42 ރަށެއްގައި މިސްކިތް އިމާރާތް ކުރަންޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު