މި ރަމަޟާން މަހު އުމްރާއަށް ދާ އުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.
އެ އިންތިޒާމުގެ ދަށުން ޑޮލަރު ވިއްކުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް މަލިކް ސަލްމާން (ސަލްމާން މިސްކިތް) ކޮންފަރެންސް ހޯލު (ފަސްވަނަ ފަންގިފިލާ) އިންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗް މެދުވެރިކޮށް ބޭންކު ބަންދު ނޫން ދުވަސްތަކުގައެވެ.
- ފެބްރުއަރީ 19 އިން 27 އަށް، ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް
- މާޗް 2 އިން 13 އަށް، ހެނދުނު 9:30 އިން 11:30 އަށް
ބީއެމްއެލުން މިއަދު ބުނީ އުމްރާވެރިންނަށް ވީހާވެސް ފުރިހަމައަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ބޭނުންވާ ހިނދު، ވަކި ކަންތައްތަކަށް ކަސްޓަމަރުން ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. އެގޮތުން ކޮންމެ އުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރު ކަމަށް އެ ބޭންކުން ބުންޏެވެ.
އެއްފަހަރާ ފަސް އުމްރާވެރިންނަށް ވުރެ ގިނަނުވާ ގޮތަށް ޑޮލަރު ގަނެވޭނެ ކަމަށާއި ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން ނުވަތަ ނަގުދު ފައިސާއިން ކަމަށެވެ. އަދި ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅަންވާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
އޭގެ އިތުރުން އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަ ނަމަ، އެ ފަރާތެއްގެ އައިޑީ ކާޑުވެސް ހުށަހަޅަންވާނެ ކަމަށާއި ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން އިތުރަށް ބުނީ އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެ ކަމަށެވެ.
ޑޮލަރު ވިއްކުމުގެ ހިދުމަތްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް އަދި ވިލިމާލެ ބްރާންޗުން އިމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ނުލިބޭނެ ކަމަށާއި ނަމަވެސް، މާލެ ސަރަހައްދުން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެންމެ ކައިރީގައިވާ ބްރާންޗަކުން ޑޮލަރު ގަތުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން އުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާ އިރު، އެ ބޭންކުން އިއްޔެ ވަނީ އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،500 ޑޮލަރު ދިނުމަށް ވެސް ނިންމައިފައެވެ.
ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރު ލިމިޓެއް ހަމަޖައްސަން ނިންމަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ބީއެމްއެލް އާއި އެމްއެމްއޭއަށް އެންގެވީ މި މަހުގެ ދިހަވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު