ހުޅުމާލޭގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ވެހިކަލްތަކަށް ސިނަމާލެ ބްރިޖަށް ނޭރޭ ގޮތަށް ހުޅުމާލެ މަގު ބްލޮކް ކުރި މައްސަލައިގައި ތިން މީހަކަށް ދައުލަތުން ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ 11 ޑިސެމްބަރު 2024 ގައި ނިރުޅޮމަގު އެމްޑަބްލިއުއެސްސީ ކައިރީގައި ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި އެ ސަރަހައްދުގެ މަގު ބަންދުކޮށް، އާއްމު ދަތުރުފަތުރަށް ހުރަސްއަޅައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި އަމަން ނަގާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ކުރުމަށް މި މަހުގެ ފަސް ވަނަ ދުވަހު ހުޅުމާލެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ތިން މީހުންނަށް ވެސް ކުރަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 24 މަހާއި ހަތަރު ދުވަހު ޖަލު ހުކުމެއް އަންނާނެއެވެ.

އެ މައްސަލައިގައި ދައުވާކޮށްފައިވަނީ:

  • މއ. ވިރާހު/ މުހައްމަދު ޝާމިން
  • މއ. ނަހީދީމަންޒިލް/ މިސްބާހު ޝަރީފް
  • ހދ. ކުމުންދޫ/ ހޮލިޑޭވިޖެލް، ނުއުމާން އަހުމަދު،

ޕީޖީ އޮފީހުން ބުނީ މިސްބާހާއި ޝާމިން އަދި ނުއުމާންގެ މައްޗަށް ދައުވާކުރަނީ އިތުރު ބަޔަކާ އެކު، އުޅަނދުތަކަށް ނުދެވޭ ގޮތަށް އެ މީހުން ޓެކްސީ ކުރަން ބޭނުންކުރާ ކާރުތައް ނިރޮޅުމަގުގައި ހުރަހަށް ބާއްވައި އެ މަގުގެ އެއް ލޭން ބަންދުކުރުމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އެ ވަގުތު އެ ތަނަށް ދިޔަ ފުލުހުން ނަސޭހަތްތެރިވުމުން ވެސް އެކަމަށް އިންކާރު ކުރުމުން ކަމަށެވެ.

އޭގެ ސަބަބުން އާންމުންނަށް ނުރައްކާތެރިކަމެއް ނެތި މަގުތައް ބޭނުންކުރެވޭނެކަން ކަށަވަރުކުރުމާއި މަގު ބޭނުންކުރަން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އުޅަނދުތަކާއި މަގުމަތި ބޭނުންކުރާ މީހުން އަމަލުކުރޭތޯ ކަށަވަރުކުރަން ފުލުހުންގެ މައްޗަށް އޮންނަ ޒިންމާއަށް ހުރަސްއަޅައި ހުޅުމާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހުރަސްއަޅާފައިވާ ކަމަށް ބުންޏެވެ.