ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި "ލަސް މުޖެރެސް ޔާ ނޯ ޔޯރަން ވޯލްޑް ޓުއަރ 2025" ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ފެށުމާއެކު، ޝަކީރާގެ ކުޅަދާނަކަން ފެނިފައި މީހުން އާޝޯޚުވިއެވެ.

އެ ޝޯގައި އެންމެ ފުރަތަމަ ޝަކީރާ ފެނިގެން ގޮސްފައިވަނީ އިންޑިއާގެ ޑިޒައިނަރެއްކަމުގައިވާ ގައުރަވް ގުޕްތާ ކޯޗަރު ފަރުމާކޮށްފައިވާ އުފެއްދުމެއްގައެވެ. ޝޯ ފެށީ ފަރުމާކޮށްފައިވާ ލޫނާ ބްލޫ ވޯލްފް ގައުނެއްގައެވެ. އޭނާގެ މި ފެނިލުމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ހެދުމުގައި ހާއްސަކޮށް ހަދާފައިވާ މެޓަލިކް ބްރެސްޓްޕްލޭޓެކެވެ.

ގައުރަވް، މި ހެދުން ތައްޔާރު ކުރުމަށް 600 ގަޑިއިރަށްވުރެ ގިނަ ވަގުތު ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތްކޮށްފައިވާކަމަށްވެއެވެ. އެ ހެދުމުގައި އޭނާގެ ޕެރިސް ކޮޓުއާ ވީކް ކަލެކްޝަން އާރޯހަނަމް އެސްއެސް24 ގައި ފުރަތަމަ ތައާރަފުކުރެވުނު ޓެކްނިކްތައް ހިމެނިފައިވެއެވެ.

ހެދުމުން ފައިބައިގެންދާ ފަށަލަތަކުން ހަރަކާތާއި ބަދަލުވުން ދައްކުވައިދެއެވެ. އަތުން ފަރުމާކުރެވިފައިވާ މެޓަލިކް ބްރެސްޓްޕްލޭޓުން ހަނގުރާމައަށް ތައްޔާރުވެފައިވާކަން ދައްކުވައިދޭ ކަހަލައެވެ. މިކަމުން ޝަކީރާ ފެނިގެންދަނީ ހަމައެކަނި ޕަރފޯމަރެއްގެ ގޮތުގައެއް ނޫނެވެ. އޭނާ ފެނިގެންދަނީ މަންޒަރު ކޮންޓްރޯލްކުރާ ހަނގުރާމަވެރިއެއްގެ ގޮތުގައެވެ.

އޭނާގެ މޭކަޕް ވެސް އެހާ ފުރިހަމައެވެ. އޭގައި ހިމެނެނީ ނިއުޑް އައިޝެޑޯ، ވިންގްޑް އައިލައިނަރ، މަސްކާރާ އަޅާފައިވާ އައިލޭޝަސް، ގަދައަށް އަޅައިފައިވާ ބުމަ، ބްލަޝް ޖައްސާފައިވާ ކޯތާފަތް، އަލިކަން ދޭ ހައިލައިޓަރ، އަދި ނިއުޑް ލިޕްސްޓިކް ޝޭޑެކެވެ. އޭނާގެ ރީތި އިސްތަށިގަނޑު ސްޓައިލްކޮށްފައިވަނީ މަޑު ބުޅިތަކެއްގައި، މެދުން ދެބައިކޮށް ދޫކޮށްލައިފައެވެ.