ރާއްޖޭގެ އިގުތިސޯދު މިހާރު އޮތް ހާލަތަށް ގެނުވީ މި ސަރުކާރުން ނޫން ކަމަށާއި ރާއްޖޭގެ އިގުތިސޯދު ރަނގަޅު ކުރުމަށް ހަރަދު ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މާމިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ރާއްޖޭގެ މާލީ އަދި އިގުތިސޯދީ ހާލަތާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ބޭފުޅުންނާ އެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
މި ބައްދަލުމުގައި ގާސިމް ވިދާޅުވީ، ދަރަނި ނަގައިގެން ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން ކަމަށެވެ. އެކަންކަމަކީ ވޭތުވެދިޔަ ސަރުކާރުތަކުން ވެސް ކޮށްފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ދައުލަތުގެ ހަރަދު ކުޑަކުރުމަށް މިސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ބައެއް މިނިސްޓްރީތަކާއި ސަރުކާރުން ހިންގާ ބައެއް ކުންފުނިތައް އެއްކޮށްލައްވައި، ބައެއް މުސާރަތައް ކުޑަކުރައްވާފައި ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ގާސިމް ވިދާޅުވީ، ޝަރުއީ ދާއިރާގެ އިސް ފަރާތްތަކާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާކުގެ ވެރިންގެ މުސާރަ ކުޑަކުރަން ރައީސް މިހާރު ވެސް ހުށަޅުއްވާފައިވާ ކަމަށާއި އެ މަސައްކަތް މާލީ ކޮމިޓީން މިހާރު ވެސް ކުރިއަށްގެންދާ ކަމަށެވެ.
އޭގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަށް ރައީސް މުއިއްޒު މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ސަރުކާރުގެ ހުރިހާ ދިމާލަކުން ހަރަދު ކުޑަކުރަން ކުރަމުންދާ މަސައްކަތުގެ ނަތީޖާ މިހާރު ވެސް ފެންނަމުންދާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ބަޖެޓް ޑެފިސިޓް ބޮޑުތަނުން ކުޑަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު