ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށާއި ނަމަވެސް އެ ފިޔަވަޅުތައް ތަންފީޒު ކުރަން އެކަށީގެންވާ ވަގުތު ރާއްޖެއަށް ލިބިފައިނުވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެމް) އިން ބުނެފިއެވެ.

އައިއެމްއެފްއިން ވަނީ ރާއްޖޭގެ މާލީ އަދި އިގުތިސޯދީ ހާލަތު ވަޒަން ކުރުމުގެ ގޮތުން މައުލޫމާތު އެއްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ އަދި މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ހާޒިރުވެ އައިއެމްއެފުން ވަނީ އެ ޖަމިއްޔާއިން އެއްކުރި މައުލޫމާތު ދެ ކޮމިޓީއާ ހިއްސާކޮށްފައެވެ.

އައިއެމްއެފްގެ ފަރާތުން ކޮމިޓީއާ ބައްދަލުކުރެއްވި ވަފުދުގެ އިސްކޮށް ހުންނެވި ޕިޔާޕޯން ސޮޑްސްރިވިބޫން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަކީ އަހަރުން އަހަރަށް ކުރިއެރުން އަންނަމުންދާ ދާއިރާއެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން އައިސްފައިވާ ކަމަށާއި މިއަހަރު ރާއްޖޭގެ ޓޫރިޒަމަށް ފަސް ޕަސަންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޕިޔަޕޯން ސޮޑްސްރިވިބޫން ވިދާޅުވިއެވެ.

އެއާއެކު ޕިޔަޕޯން ސޮޑްސްރިވިބޫން ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އަދި އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅައިފައިވާ އިސްލާހީ ފިޔަވަޅުތައް ރަނގަޅު ކަމަށެވެ.

"ރާއްޖެއިން ހަރުދަނާ ފިޔަވަޅުތައް ނާޅައިފި ނަމަ ކުރިއަށް އޮތް އަހަރުތަކުގައި ދަރަންޏާއި ފިސްކަލް ޑެފިސިޓް އިތުރަށް ބޮޑުވެގެންދާނެ. މި ކަން ކުރުމަށް ވަގުތު ވަރަށް ކުޑަތަންވެއްޖެ ރާއްޖެއަށް،" ޕިޔާޕޯން ސޮޑްސްރިވިބޫން ވިދާޅުވިއެވެ.

ޕިޔަޕޯން ސޮޑްސްރިވިބޫން ވިދާޅުވީ ފާއިތުވި އަހަރު ތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިންތިހާއަށް ގިނަވުމުގެ ސަބަބުން ޑެފިސިޓަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. ޑެފިސިޓް ރަނގަޅު ކުރެވޭނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކޮންމެ ވެސް ވަރަކަށް މަޑުޖައްސާލައި ހަމައެކަނި ބޭނުންވެފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ ޕްރޮގްރާމުތައް ވެސް ހިންގަންވާނީ، ރާއްޖޭގެ މާލީ ހާލަތަށް ރިއާއަތްކޮށް ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް،" ޕިޔާޕޯން ސޮޑްސްރިވިބޫން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުތައް ނުވަތަ ހަރަދަށް ޒިންމާވުމުގެ ގާނޫނު ތައާރަފު ކުރުމުގެ ސަބަބުން ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގައި ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ޕިޔާޕޯން ސޮޑްސްރިވިބޫން އެގޮތަށް ވިދާޅުވީ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ތިން ދަރަޖަ ފަހަތަށް ގޮސްފައިވާތީ އެކަމާ ގުޅޭގޮތުން އައިއެމްއެފުން ދެކޭ ގޮތަކީ ކޮބައިތޯ މެންބަރަކު ސުވާލު ކުރެއްވުމާ ގުޅިގެންނެވެ.

ސަރުކާރުން، އިންޑިއާއިން މިދިޔަ އަހަރުގެ ފަހުކޮޅު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕް ފެސިލިޓީއެއް ނަގާފައިވާތީ ކޮމިޓީގައި ތިއްބަވާ އެމްޑީޕީ މެންބަރުން ވަނީ އެކަމާ ގުޅޭގޮތުން އައިއެމްއެފްއާ ސުވާލުކުރައްވައިފައެވެ.

އެ ސުވާލާ ގުޅިގެން ޕިޔަޕޯން ސޮޑްސްރިވިބޫން ވިދާޅުވީ އެ ކަރަންސީ ސުވޮޕްގެ ސަބަބުން ރާއްޖޭގެ ފިސްކަލް އަދި ދަރަނި މެނޭޖްކުރުމުގެ ހާލަތަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރާއްޖެއިން މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ އިރު، އެފަދަ ކަރަންސީ ސުވޮޕްއެއް އޮތުމަކީ އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.