އިންސާފުވެރިކޮށް ކަންކަން ނިންމުމަކީ ފަނޑިޔާރުންނަށް އެހާ ފަސޭހަކަމެއް ނޫން ކަމަށާއި އެކަމަށް ޖެހޭނީ ފަރުވާތެރިވާން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.
"ގަޟާއީ އަހަރު 2025" އިފްތިތާހުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއުތަސިމް ވިދާޅުވީ ކޮންމެ ކޯޓެއްގެ ޝަރީއަތުގެ މާލަމެއްގައި އިންނަވަނީ މައްސަލައިގެ ކަން ހިނގާފައިވާ ގޮތާއި ގާނޫނީ މިންގަނޑުތަކާ އަޅާކިޔައި، މައްސަލަ އިންސާފުގެ ތަރާދަކުން ކިރުމުގެ ޒިންމާ އުފުލައްވާ ފަނޑިޔާރެއް ކަމަށެވެ.
ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ވެސް ފަނޑިޔާރުންގެ ހުނަރާއި ހިކުމަތްތެރިކަން ބޭނުންކުރައްވައި، ގާނޫނުއަސާސީ އާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް ފަނޑިޔާރުން ކުރައްވާފައިވާ ހުވާ އަދާކުރެއްވުމުގައި ފަނޑިޔާރުން ދެމިތިއްބަވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"ތައައްސަބުން އެއްކިބާވެ، ވަކި ފަރާތަކަށް ނުޖެހި، ހަސްމުންގެ ވާހަކަތައް އަޑުއައްސަވައި، އިންސާފުވެރިކޮށް ކަންކަން ނިންމެވުމަކީ ފަނޑިޔާރުންނަށް އެހާ ފަސޭހަކަމެއް ނޫން. މިކަން ކުރެވޭނީ އިންތިހާއަށް ހިކުމަތްތެރިވެގެން، ފަރުވާތެރިވެގެން، ކަމަށް ކަމޭހިތައިގެން އަދި ކެތްތެރިވެގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މުއުތަސިމް ވިދާޅުވީ ފަނޑިޔާރުން އެ ނިންމުންތައް ނިންމަވަނީ އެއްވެސް ބިރެއް ނެތި، ކުޑަވެސް ފަސްޖެހުމެއް ނެތި ކަމަށާއި ފަނޑިޔާރުންގެ މައްޗަށް އެކަން ކުރަން ލާޒިމުކުރެވިފައިވާ ގޮތުގެ މަތިން އެ ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް ކަމުގައިވީ ނަމަވެސް، ނުވަތަ މަގުބޫލު ނޫން ނިންމުންތަކެއް ކަމުގައިވީ ނަމަވެސް، އެއްވެސް ވަރަކަށް އެކަން ކުރުމުގައި ފަސްޖެހިވަޑައިގަތުމެއް ނެތި އެކަން ކުރައްވާ ކަމަށެވެ.
"މިގޮތަށް އަމަލުކުރުމުގައި ފަނޑިޔާރުން އެ ދައްކަވަނީ ފަނޑިޔާރުން ހުވާކޮށްގެން ތިބި ވާޖިބަށް ވަފާތެރިވާކަން. ފަނޑިޔާރުން ބައްލަވަނީ ވަރީގެ މައްސަލައެއް ކަމުގައިވީ ނަމަވެސް، ނުވަތަ ހަޟާނާތުގެ މައްސަލައެއް ކަމުގައިވީ ނަމަވެސް، ގެވެށި އަނިޔާގެ މައްސަލައެއް ކަމުގައިވީ ނަމަވެސް، ނުވަތަ މަދަނީ ގެއްލުމާ ގުޅޭ މައްސަލައެއް ކަމުގައިވީ ނަމަވެސް، ނުވަތަ ޖިނާއީ ކުށަކާ ގުޅޭ މައްސަލައެއް ކަމުގައިވީ ނަމަވެސް، ދަށު މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ އެފަދައިން ނިންމާ މައްސަލަތަކުގައި ފަނޑިޔާރުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިންސާފު ހޯދައިދެވުނުކަމުގެ ހިތްހަމަޖެހުމާއި، އަދުލަށް މަސައްކަތްކުރެވުނުކަމުގެ ހިތްހަމަޖެހުމާއި އުފާވެރި އާއިލާއަކަށް ފުރުސަތު ދެވުނުކަމުގެ ހިތްހަމަޖެހުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު