އަންނަ ހޮނިހިރު ދުވަހުގެ ކުރިން އަސީރުންތައް މިނިވަން ނުކޮށްފިނަމަ، އަލުން ހަމަލާތައް ފަށާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ ވަނީ ހަމާސް އިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުން ދޫކުރުމަށް ހަމާސްއަށް އަންގައި އެކަން ނުކޮށްފި ނަމަ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން އުވާލާނެ ކަމަށް އަންގައިފައެވެ. އެގޮތަށް އަންގާފައިވަނީ އިޒްރޭލުން އިއްޔެ ބޭއްވި ކެބިނެޓު ބައްދަަލުވުމަށްފަހުއެވެ.

ހަމާސް އިން ވަނީ ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމާ އިޒްރޭލުން ހިލާފުވެފައިވާތީ އަސީރުން ދޫކުރުން ހުއްޓާލުމަށް ނިންމައިފައެވެ.

ނަތަންޔާހޫ ވަނީ ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުން އުވާލައި ގާޒާއަށް ހަމަލާ ދޭން ފަށާނެ ކަމަށާއި ހަމާސް ނައްތާލުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް ވެސް ބުނެފައެވެ.

އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ވެސް ވަނީ ހަމާސް އިން އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާނަމަ އިޒްރޭލުން އަލުން ހަމާލާތައް ދިނުން ނޫން ގޮތެއް ނެތް ކަމަށް ބުނެފައެވެ.

އިޒްރޭލާއި ހަމާސް ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސް އިން އަސީރުންގެ ގޮތުގައި ހިފަހައްޓާފައިވާ 17 މީހުން ދޫކޮށްލަން ޖެހެއެވެ. އެގޮތުން މިހާތަނަށް ދޫކޮށްލާފައިވަނީ 10 މީހުންނެވެ.