ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޖަލަށް ލުމަކީ ލިބުނު ފިލާވަޅެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށާއި އެއީ ލިބުނު އަނިޔާއެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ ފޮތް ނެރުމަށް ވިލާ ކޮލެޖު ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެއީ ބޭބެއަކު ނަސޭހަތްދިނުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ލިބުނު ފިލާވަޅުތަކެއް ކަމަށް އެވެސް، އަޅުގަނޑު ޖަލުގައި ހައްޔަރުވާން ދިމާވި ދިމާވުން. އެއީ އަޅުގަނޑުގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި އަޅުގަނޑަށް ލިބުނު ދަރުސެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެއްގޮތަކަށް ވެސް އަޅުގަނޑަށް ދިން އަނިޔާއެއް ކަމަކަށް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މައުމޫނަކީ ޑިކްޓޭޓަރެކޭ ބައެއް މީހުން ކިޔައި އުޅުނަސް، އެގޮތަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި މައުމޫނާ ދެކޮޅު މީހުން އެކަހަލަ ވާހަކަވެސް ދައްކާނެ ކަމަށެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނެވުނީ އެކަމަށް ރައީސް މައުމޫން ބޭނުންފުޅުވުމުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިއަދު މި ދެކޭ ޑިމޮކްރަސީ އާއި އަޅުގަނޑުމެންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެ މަނިކުފާނާއި އެ މަނިކުފާނުގެ ސަރުކާރުން އެކަން އޭރު ކޮށްދެއްވަން ނެތްނަމަ މިއަދު ވެސް ނުލިބޭނެ، ހަމަ ތިބެން ޖެހޭނީ މަގުމަތީގައި ހަޅޭއްލަވަލަވާ. އެއީ ހަމަ ކަށަވަރުކަމެއް، އެހެންވީމާ އެކަމުގެ ހައްގު ޝުކުރު އެ މަނިކުފާނަށް ދެން،" އޭނާ ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރައީސް މައުމޫނަކީ ވަރަށް ވިސްނުންތެރި، ވަރަށް ގާބިލު، ވަރަށް އިލްމީ ބޭފުޅެއް ކަމަށާއި އެކަމުގެ ހަގީގަތް މިއަދު ވެސް ފެންނަމުންދާ ކަމަށެވެ.