ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކުގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުން ތަބާވާން ޖެހޭ ގްރޫމިން އަދި ހެދުން އެޅުމުގެ އުސޫލުތައް ހުރި ގޮތުގެ ސަބަބުން، ބުރުގާ އެޅުމަށާއި، ރީތިކޮށް ތުނބުޅި މަތިމަސް ބެހެއްޓުމަށް، މުވައްޒަފުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލަން ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް އެ ގަރާރު ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

މި ގަރާރުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 19 ވަނަ މައްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އެމީހަކު ބޭނުން ވަޒީފާއެއް އަދާ ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ތުނބުޅި މަތިމަސް ބެހެއްޓުމާއި ބުރުގާ އެޅުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކާ ހިލާފު ކަމަކަށް ނުވިނަމަވެސް ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ބައެއް ތަންތަނުގެ ހެދުން އަޅަން ޖެހޭ މިންގަނޑުގެ ދަށުން އެކަންކަން ކުރުމަށް ހުރަސް އެޅޭ ކަމަށް އެ ގަރާރުގައިވެއެވެ.

އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންގެ ތެރެއިން ބުރުގާ އަޅާ އަންހެނުންނާއި ތުނބުޅި މަތިމަސް ބަހައްޓައިގެން މަސައްކަތް ކުރަން ބޭނުންވާ ފިރިހެނުންގެ ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް މައުރޫފުގެ ގަރާރުގައިވެއެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ މުވައްޒަފުން ތަބާވާން ޖެހޭ ހެދުން އެޅުމުގެ ގަވައިދު އެކުލަވައިލުމުގައި ރިޔާއަތް ކުރަން ޖެހޭ އެއްހަމަ، އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވައިލުމަށް އެ ގަރާރުން ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތީ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވި 62 މެންބަރުންގެ ތެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ.