ތަންމަކުނަށް ޖެހި ބޭހަކުން ވިހަވެ ސްރީ ލަންކާގައި ދެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ލަންކާގެ ވެރިރަށް، ކޮލަމްބޯގައި ހުންނަ މިރަކަލް ކޮލަމްބޯ ސިޓީ ހޮޓަލުގައި ހިނގި އެ ހާދިސާގައި މަރުވެފައިވަނީ އިނގިރޭސިވިލާތުގެ މީހަކާއި ޖަރުމަނަށް ނިސްބަތްވާ މީހެއް ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ހެދި ޓެސްޓުތަކުން އެ ދެމީހުންގެ ހަށިގަނޑުން އެ ބޭހުގެ އަސަރު ފެނިފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެމީހުންގެ އާއިލާ ލަންކާއަށް ދިއުމުން އޮޓޯޕްސީ ހެދުމަށް ނިންމާފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

އެ ހާދިސާ ހިނގުމާއެކު އެ ހޮޓާ ވަނީ ބަންދުކޮށްފައެވެ. ތަހުގީގު ނިމެންދެން ހޮޓާ ބަންދުކޮށްފައި ބަހައްޓާނެ ކަމަށް އޮފިޝަލުން ބުނެއެވެ.