ގއ. ވިލިނގިލީގައި ހާލު ބޮޑު މާބަނޑު އަންހެނަކާއި ސިޒޭރިއަން ހަދައިގެން ނެގި އޭނާގެ ދަރިފުޅު މަރުވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގައިފިއެވެ.
އެ ހާދިސާގައި މަރުވީ ގއ. ވިލިނގިލީ/ ޒަމާނީވިލާ، ފާތިމަތު ޝިއުނާ، 37 އާއި އޭނާއަށް ލިބުނު ތިންވަނަ ދަރިފުޅެވެ.
ހޯމް މިނިސްޓަރު އިހުސާން އަލީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލިނގިލީގައި ދެމައިން މަރުވި މައްސަލައިގައި އެއްވެސް މީހެއްގެ އިހުމާލެއްވޭތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގައި، އިހުމާލުވާ ފަރާތްތަކެއްވާނަމަ، އެ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ޝިއުނާގެ ފިރިމީހާ، ޝިފާޒު ޒާހިރު މީޑިއާއަކަށް އިއްޔެ ބުނި ގޮތުގައި ގއ. އަތޮޅު ހޮސްޕިޓަލުގައި ޝިއުނާ އެޑްމިޓް ކުރީ ރޯގާ ޖެހި، މާބޮޑަށް ކެއްސާތީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މެންދަމު ދޭއް ޖެހި ފަހުންނެވެ.
ޝިއުނާގެ ހާލު ބޮޑުވެ، އޮކްސިޖަން ލެވަލް ދަށަށް ދިއުމުން ވެންޓިލޭޓަރުގެ އެހީގައި ނޭވާ ލެވޭ ގޮތް ހަދައި، ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން ޖެހުނީ ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް ހެނދުނު ވީއިރުވެސް ޑޮކްޓަރެއް އައިސް އޭނާއަށް ފަރުވާ ނުދެވި ލަސްވުމުގެ ސަބަބުން ކަމަށްވެސް ޝިފާޒު ބުނެފައިވެއެވެ.
އޭނާ ބުނި ގޮތުގައި ޝިއުނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިއުމަށް ކޫއްޑޫ އެއާޕޯޓަށް ޖެއްސި އެއާ އެންބިއުލާންސްގެ ވެންޓިލޭޓަރު ހުރީ ހަލާކުވެފައި ކަމަށާއި އެ ފްލައިޓުގައި ބަލި މީހަކަށް ދޭނެ އޮކްސިޖަނެއް ނެތް ކަމަށެވެ.
އެއާ އެންބިއުލާންސްގައި ސިއްހީ އާލާތްތައް ނެތިގެން، ބަލި މީހާއަށް ފަރުވާ ދިނުމަށް ބައެއް އާލާތްތައް ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ގެންދަން ޖެހުނު އިރު، ޝިއުނާ މަރުވީ ފްލައިޓަށް ނާރުވައި ރަންވޭގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށް، ބުދަ ދުވަހުގެ ދަންވަރު 1:30 އެހާކަންހާއިރު ކަމަށް ޝިފާޒު ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިފުޅު މަރުވީ މާލެ ގެނައި ފަހުންނެވެ.
ޝިއުނާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން އަންނީ އެ މައްސަލަ ބަލަމުންނެވެ. އަދި ޝިއުނާގެ ސިޒޭރިއަން ހެދި ޑޮކްޓަރުވެސް މިނިސްޓްރީން ތަހުގީގަށް ވަނީ މާލެ ގެނެސްފައެވެ.
އެއާ އެމްބިއުލާންސްއާ ގުޅޭ ގޮތުން ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން މޯލްޑިވިއަން އިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެއާ އެމްބިއުލާންސް އޮޕަރޭޓްކޮށްފައިވަނީ ބޭނުންވާ ސާމާނާއެކު ޕްރޮޓޮކޯލްގެ ދަށުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު