ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އޭ330-200 މަރުކާގެ ދެވަނަ މަތިންދާބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފިއެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު މިދިޔަ މަހު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އެއާބަސް އޭ-330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކުލާހުގެ ސީޓުތައް ހިމެނޭ އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯ އުފުލޭނެއެވެ. އެ ބޯޓެއް ގެނެސް ޗައިނާގެ ތިން މަންޒިލަކަށް ވަނީ ދަތުރުތައް ފަށައިފައެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެއާބަސް އޭ-330 މަރުކައިގެ ބޯޓެއް ކުއްޔަށް ނަގަން ބޭނުންވަނީ ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ. އަދި ކުއްޔަށް ނަގަން ބޭނުންވަނީ އޮޕަރޭޓިން ލީސް އުސޫލުން ކަމަށް ވެސް ބުންޏެވެ.
އެ އިއުލާނުގައި ބުނީ އެ ބޯޓްގައި އިކޮނޮމީ އަދި ބިޒްނަސް ކްލާސް ކެބިން ހުންނަން ޖެހޭނެ ކަމަށާއި ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު ހުންނަން ޖެހޭނެ ކަމަށެވެ.
މޯލްޑިވިއަން އެއާލައިންގެ ހިދުމަތް ފުޅާކުރުމަށް ވައިޑް-ބޮޑީ އެއާކްރާފްޓް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް ވަނީ ވައިޑް-ބޮޑީ ދެވަނަ މަތިންދާބޯޓު ގެނެސް، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ހިދުމަތް ދެވެން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބޯޓް ހާއްސަ ކުރާނީ ޔޫރަޕުގެ މަންޒިލުތަކަށް ދަތުރު ކުރުމަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު