ގައުމު މި އޮތް ހާލަތުގެ ޒިންމާ އެންމެންވެސް ނަގަން ޖެހޭނެ ކަމަށާއި އެއްވެސް ސަރުކާރަކަށް ހުރިހާކަމެއް ނުކޮށްދެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމުގެ ދަރަނި ބޮޑުވެ އިގުތިސާދީ ހާލަތު ދަށަށް ގޮސްވައިފާ މިންވަރު ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ގައުމު މިހާލަތަށް ދިއުމުގެ ޒިންމާ އެންމެންވެސް ނަގަން ޖެހޭނެ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި 2013 ގައި އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި 2018 ގައި އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް އެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ގައުމު ދަަރަނިވެރި ކޮށްލީ ތަފާތު ނަންނަމުގައި ލޯނު ނަގައިގެން، ބޮންޑު ވިއްކައިގެން، އެކި ގޮތްގޮތަށް ލޯނު ނަގައިގެން،" ގާސިމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް ވެރިކަމަށް ވަޑައިގަންނަވަނީ، ގައުމަށް ކުރިއެރުމާއި ރައްޔިތުންނަށް ހެޔޮލަފާ ގޮތްތައް ހޯއްދަވައިދެއްވުމުގެ ނިޔަތުގައި ކަމަށާއި ނަމަވެސް އެކި ސަބަބުތަކާ ހުރެ ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކޮންމެ ބޭފުޅަކުވެސް އެ ވެވަޑައިގެންނެވި ވައުދާއި އަހުދަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަ ކަމަށެވެ.
ގައުމު މިހާ ނިކަމެތި ހާލަތުގައި އޮތް ނަމަވެސް މީހުން ދައްކަނީ ސަރުކާރުން ކަމެއް ނުކޮށްދޭ ވާހަކަ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ ހުރިހާކަމެއް ރަނގަޅު ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަދުގެ ސަރުކާރުން ކަންކަން ރަނގަޅު ކުރަން ފިޔަވަޅު އަޅާ ކަމަށާއި އެގޮތުން ކޮރަޕްޝަން މަދުކުރުމަށް އެތައް ކުންފުނިތަކެއްގެ މެނޭޖިން ޑިރެކްޓަރުންނާއި މިނިސްޓަރުން ވަކިކުރައްވައި ރަނގަޅު މަގަށް ކަންކަން ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު