ފެނުގެ ހިދުމަތް ނުލިބޭ 56 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި ނަރުދަމާގެ ހިދުމަތް ނުލިބޭ 45 ރަށެއްގައި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް މިއަދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ފެނުގެ ހިދުމަތް ގާއިމުކުރެވިފައިވަނީ 86 ރަށެއްގައި ކަމަށެވެ. ނަރުދަމާގެ ހިދުމަތް ގާއިމުކުރެވިފައިވަނީ 99 ރަށެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މިވީ އެއް އަހަރާއި ދެ މަސްތެރޭ މިހާރު އިތުރު 45 ރަށެއްގެ ފެނުގެ ހިދުމަތް އަދި 40 ރަށެއްގެ ނަރުދަމާގެ ހިދުމަތް ގާއިމުކޮށް ވާނީ ނިންމާފާ. ފެނުގެ ހިދުމަތް ނުލިބި އޮތް 56 ރަށާއި ނަރުދަމާގެ ހިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރު ތެރޭ މުޅިން ނިންމައި 2026 ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދީ ނިމޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއެކު ރަށްގިރުމާއި އުދަ އެރުމުގެ މައްސަލަތައް ރާއްޖޭގެ ހުރިހާ ރަށަކަށް ދިމާވެފައިވާ ކަމަށާއި ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ތެރެއިން އެންމެ ބޮޑަށް އިސްކަންދޭނީ އެންމެ ބޮޑަށް ރަށް ގިރުމުގެ މައްސަލަތައް ދިމާވެފައިވާ ރަށްތަކައް ހައްލު ހޯދުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ،

ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް މިއަހަރުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ނަތީޖާ ނެރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 57 ރަށެއްގައި މަޝްރޫއުތައް މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވ މޫސުމަށް އަންނަ ބަދަލުތަކަށް އެޑެޕްޓްވުމަށް ސަރުކާރުން އިސްނަގައިގެން އެތަކެއް ކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން "5 މިލިއަން ގަސް މަޝްރޫއު" ގެ ދަށުން ފާއިތުވެދިޔަ އަހަރު 450,000 ގަސް ވަނީ އިންދައިފައިވާ ކަމަށާއި 4.2 މިލިއަން ގަސް އިންދުމަށް އެކިއެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައަށް ބޭނުންކުރާ ސަރަހައްދަކަށް ހެދުމަށް ސަރުކާރުން ދަނީ ބުރަ މަސައްކަތެއް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އިރުގެ އަލިން 15 މެގަ ވޮޓްގެ ކަރަންޓު އުފައްދާ ނިޒާމު ފާއިތުވެދިޔަ އަހަރު ވާނީ އިތުރުކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިރުގެ އަލިން 100 މެގަވޮޓް އުފައްދާ ނެޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށްޓަކައި މާލެ އަތޮޅު ފަޅެއްގައި ފްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް ޕާމިޓް އިޝޫކުރުމަށް މިހާރު ވަނީ ނިންމައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު މެދުތެރޭ ފަށައި 2027 ވަނަ އަހަރުތެރޭ ނިންމައި އޭގެ ނަފާ ލިބެން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.