ގައުމީ ހިދުމަތުގެ ނިޒާމު އަންނަ އޭޕްރީލްގައި ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، ގައުމެއްގެ އެންމެ އަގުހުރި އެއް ރައުސްމާލަކީ އެ ގައުމެއްގެ ޒުވާނުން ކަމަށާއި ގައުމީ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމަށެވެ.
ރައީސް ވިދާޅުވީ، މިހާރުވެސް ޒުވާނުން ބިނާކުރަން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން 393 ޒުވާނުން ތަމްރީނު ކުރެވި 114 ދަރިވަރުން ތަންރީން ވަމުން އަންނަ ކަމަށެވެ. އަދި ކޮމިއުނިޓީ އަޕް ސްކިލިން ޕްރޮގްރާމްގެ ތެރެއިން 21 ރަށެއްގައި 166 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފައިވާކަމަށާއި މި ޕްރޮގްރާމުގެ ދަށުން އިތުރު 264 ކުދިން ތަމްރީންވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައުމީ ހިދުމަތުގެ ނިޒާމެއް އުފެއްދުމަކީ މުހިންމުކަމެއް ކަމަކަށާއި އެއީ، ދިވެހި ގައުމަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި ސަލާމަތީ މުހިންމު މައްސަލަތަކަށް ހައްލު ހޯދައިދޭނެ ނިޒާމެއް ކަމަށެވެ.
"މި ޕްރޮގްރާމު މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ. މި ޕްރޮގްރާމް ފެށުމަށްޓަކައި، ގާނޫނީ ގޮތުންނާއި އިދާރީ ގޮތުންނާއި ވަސީލަތުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ނިޒާމުގެ ސަބަބުން ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި އިލްމާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކުރެވޭނެކަމަށެވެ.
"އަޅުގަނޑު ދެކެނީ ގައުމަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް މި ނިޒާމުގެ ތެރެއިން ބިނާކޮށް ތަރައްގީކުރެވޭނެކަމަށް." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ ނިޒާމުގެ ތެރެއިން ޒުވާނުންގެ އަމިއްލަ އާއިލީ ދިރިއުޅުމާއި ގައުމީ ހަޔާތާއި އަހުލާގާއި އިލްމީ މައިދާން އެ ޒުވާނުންނަށް އެންމެ ފައިދާހުރި ގޮތުގައި ދިވެހި ދައުލަތުން ބިނާކޮށްދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު