އިންޑިއާގެ އެހީގައި ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް ހެދުމުގެ މަޝްރޫއެއް މި އަހަރު ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، މި ސަރުކާރުން ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުގައި މާލެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެ މަސައްކަތްތައް ފުރިހަމަވެގެންދާއިރު މާލެ ސަރަހައްދުގައި ދިރުއުޅޭ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގުޅިފަޅަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ތަނެއް ކަމަށާއި އެތަނުގައި އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަދި ހަމައެއާއެކު އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީހައި ގުޅިފަޅުގައި 4000 ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް މި އަހަރު ފެށުމަށް ދަނީ މަސައްކަތްތައް ކުރެވެމުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފެށިގެން ދާނެ ކަމަށެވެ. އަދި ހަމަ އެއާއެކު އުތުރުތިލަފަޅާއި، ގިރާވަރު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ އަމަލީ މަސައްކަތް މި އަންނަ އަހަރު ފެށުމަށް ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ، އިދާރީ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގިރާވަރު ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށާފައިވާ ބިން މި އަހަރު ޖުލައި މަހުގެ ކުރިން ހިއްކާ ނިންމިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު