މާލެ އަތޮޅު ފަޅެއްގައި ފްލޯޓިން ސޯލަ ޕްރޮޖެކްޓެއް ހިންގުމުގެ ބޮޑު މަޝްރޫއެއް މި އަހަރު ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އިރުގެ އަލިން 15 މެގަވޮޓްގެ ކަރަންޓު އުފައްދާ ނިޒާމު ފާއިތުވި އަހަރު އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އިރުގެ އަލިން 100 މެގަވޮޓް އުފައްދާ ނެޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށްޓަކައި މާލެ އަތޮޅު ފަޅެއްގައި ފްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް ޕާމިޓް އިޝޫކުރުމަށް މިހާރު ވަނީ ނިންމާފައި.،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު މެދުތެރޭ ފަށާ 2027 ވަނަ އަހަރުތެރޭ ނިންމައި އޭގެ ނަފާ ލިބެންފަށާނެ އެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު "މަގޭ ސޯލާ" ގެ ނަމުގައި ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ.
އަދި "މަގޭ ސާފު ރާއްޖެ"ގެ ނަމުގައި ކުނި މެނޭޖުކުރުމުގެ ގައުމީ މަޝްރޫއެއް އެކުލަވާލައި ތަންފީޒުކުރަން ވެސް ފަށައި، އެ މަޝްރޫއުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އެކަށީގެންވާ ފެންވަރުގެ ކުނި މެނޭޖުކުރުމުގެ ނިޒާމުތަކެއް މިއަހަރު ގާއިމުކުރުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ތެރެއިން މިދިޔަ އަހަރު 17 ރަށެއްގެ ކުނީގެ މައްސަލަ މެނޭޖުކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ މަރުކަޒުތައް ހަދާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު