އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ގާޒާ ޕްލޭނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެެވެ.

ޓްރަމްޕްގެ އިތުރުން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ބައްދަލުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ގާޒާއާއި މެދު އަމަލުކުރަން ބޭނުންވާ ޕްލޭނެއް ހުށަހަޅުއްވައިފައެވެ.

ޓްރަމްޕްގެ ޕްލޭންގައި ގާޒާގައި މިހާރު ތިބި އާންމުން އަވައްޓެރި އަރަބި ގައުމުތަކަށް ބަދަލުކޮށް ގާޒާގައި ވެއްޓިފައިވާ އިމާރާތްތައް ނަގައި ސާފުކޮށް އިސްރާއީލުން އަޅާފައިވާ ބޮންތަކުގެ ތެރެއިން ނުގޮވައި ހުރި ބޮންތައް ނައްތާލައި މުޅި ގާޒާ އަލުން އާބާދުކުރުމަށް ނިންމާފައިވެއެވެ.

ޓްރަމްޕްގެ ގާޒާ ޕްލޭނާ ދެކޮޅަށް އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުގެ އިތުރުން އަރަބި ގައުމުތަކުން ވެސް ވަނީ ތެދުވެފައެވެ. އަރަބި ގައުމުތަކުގެ ތެރެއިން މިސްރުން ވަނީ ގާޒާ އަލުން އިމާރާތް ކުރަން ޖެހޭނީ އެ ސިޓީން މީހުން ހުސްނުކޮށް ކަމަށް ބުނެފައެވެ.

ސައުދީން ވެސް ވަނީ ގާޒާގެ އާންމުން އެހެން ތަނަކަށް ގެންދިއުމަށް މަސައްކަތް ނުކުރުމަށް ގޮވާލައިފައެވެ.

ގާޒާއަށް ޓްރަމްޕް ހުށަހަޅާ ޕްލޭނާއި އދ އިން ވެސް އިދިކޮޅެވެ. އދގެ ސެކްރެޓަރީ ޖެނެރަލް ވެސް ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމު ކުރަން ޖެހޭނެ ކަމަށާއި ގާޒާގެ މައްސަލައިގައި ހައްލެއް ހޯދުމުގެ ބަދަލުގައި މައްސަލަ އިތުރަށް ގޯސްވަމުން އަންނަ ކަމަށް ފާހަގަކުރައްވައިފައެވެ.