މީގެ ހަ ދުވަސް ކުރިން ފެށިގެން މުޅި ސޯޝަލް މީޑިއާގައި ރަސްކަން ކުރަމުންދަނީ ހިތްގައިމު މޭޝަޕްއެކެވެ. ޓިކޮޓޮކް ހުޅުވާލިޔަސް، ފޭސްބުކް ހުޅުވާލިޔަސް، އިންސްޓަގްރާމްގެ ރީލްސްތަކަށް "އޮޅިގެން" ފިތުނަސް އަންނަނީ މި މޭޝަޕްގެ ރީތި ލަވަތަކެވެ. މިދިޔަ ހުކުރު ދުވަހު ޔޫޓިއުބަށް ދޫކޮށްލި މި މޭޝަޕްއަށް 128،000 އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. އެހެން ޕްލެޓްފޯމްތަކާ އެކު ދެ ލައްކައަށް ވުރެ ގިނަ ވިއުސް މިވަނީ މި މޭޝަޕް އަށް ލިބިފައެވެ. މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ބޮޑުބެރު ގްރޫޕް، 1438 އިން ދޫކޮށްލި މި މޭޝަޕްގެ ޖާދޫގައި ހަމަޔަގީނުންވެސް އެންމެން ޖައްސައިފައެވެ.
ސާދަތިރީސްއަށަކީ އެއްވެސް ތައާރަފަކަށް ބޭނުންވާނެ ގްރޫޕެއް ނޫނެވެ. އެތައް ހުނަރުވެރިންތަކެއް އޮތް ގްރޫޕެކެވެ. ވަރުގަދަ ބެރު ލައިނަކާ އެކު މިއީ މިވަގުތު ރާއްޖޭގައި އެންމެ ވަރުގަދަ ވޯކަލިސްޓުން ވެސް ތިބި ގްރޫޕެވެ. މި މޭޝަޕްގައި ހުރިހާ ލަވައެއް ވެސް ކިޔާފައިވަނީ އެ ގްރޫޕްގެ މޮޅު ވޯކަލިސްޓުންނެވެ. ހުސްވެސް ތަރީންނެވެ. ނުދަންނަ އެއްވެސް މީހެއް ނެތެވެ. މޭޝަޕްގެ ލަވަތައް ކިޔާފައިވަނީ 1438ގެ ލީޑް ވޯކަލިސްޓުން ކަމަށްވާ މެހެފޫޒް އިބްރާހީމާއި ހަސަން މުސްފާހާއި ޝިނާން ރަޝީދާއި މޯލްޑިވިއަން އައިޑޮލްއިން ވިދާލި އަދި މިހާރު ވެސް މި ދާއިރާގައި ރަސްކަން ކުރަމުންދާ ޝަލަބީ އިބްރާހީމާއި މުހައްމަދު ހަމްދާނާއި އަބުދުﷲ ހިޝާންގެ އިތުރުން ހުމާމް ހަލީމް އާއި އަޖުފާން އިސްމާއިލް އަދި އިކުރާމް މުހައްމަދެވެ.
ގާތްގަނޑަކަށް ހަ ވަރަކަށް މިނެޓްގެ މި މޭޝަޕްގައި ނުވަ ލަވަ ހިމެނެއެވެ. ކޮންމެ ލަވައެއް ވެސް ކިޔާފައިވަނީ ވަކި ފަންނާނެކެވެ. ކުރީގެ ލޯބީގެ ހިތްގައިމު ލަވަތަކަށް މި މޭޝަޕްގައި ވަނީ ވަރަށް ފުރިހަމަ ދިރުމެއް ގެނެސްދީފައެވެ. ވަރަށް ވެސް ހިތްގައިމެވެ. އެއް ފަހަރު އަޑުއަހާފައި ދޫކޮށްލާ ވަރަށްވުރެ މާ ފުރިހަމައެވެ.
މި މޭޝަޕްގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ އެ ގްރޫޕްގެ ހުނަރުވެރި ފަންނާނުންނެވެ. އެގޮތުން ލަވަތަކުގެ ރެކޯޑިން އިން ފެށިގެން މިކްސިން އަދި ވީޑިއޯ ގްރަފީއަކީ ވެސް އެ ގްރޫޕް މެންބަރުންގެ ހުނަރެވެ. މި މޭޝަޕްގެ ސިނެމެޓޯގްރާފީ އާއި ވީޑިއޯ އެޑިޓިން އަދި މިކްސިން އެންޑް މާސްޓަރިން ހަދާފައިވަނީ ޝާހު ޝާހިދެވެ. އަދި މި މޭޝަޕް ކޮމްޕޯޒް ކޮށްފައިވަނީ ހުމާމެވެ. މޭޝަޕްގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންގޮސްފައިވަނީ އެ ގްރޫޕްގެ ސްޓޫޑިއޯގައެވެ.
މި މޭޝަޕްގެ ކޮމްޕޯޒަރު ހުމާމް ބުނި ގޮތުގައި ލަވަތައް ނަގާފައިވަނީ އެއް ފީލެއްގެ މިކްސްއަކަށް ބަލައިގެންނެވެ. އަދި ލަވަތައް ނެގުމުގައި އެންމެ ބޮޑަށް ބަލާފައިވާ އަނެއް ކަމަކީ ލަވަކިޔާ ވޯކަލިސްޓްގެ އަޑާ ގުޅޭ ލަވައެއް ނެގުމަށެވެ. މިއީ ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މަސައްކަތެއް ކަމަށާއި މި މަސައްކަތް ނިންމައިލެވިފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ވެސް ބުންޏެވެ.
ސާދަތިރީސްއަށެއްގެ މުއައްސިސް ޖަޒްލާން ޝަރީފް ބުނި ގޮތުގައި މޭޝަޕެއް ނެރެން ނިންމީ ސަޕޯޓަރުން ރިކުއެސްޓްތައް ވަރަށް ގިނައިން އެކަމަށް ލިބެމުންދިޔުމުން ކަމަށެވެ. އަދި މިއީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ފަންނާނުން ގިނަ ގްރޫޕަށްވެފައި، ލަވަކިޔާ ހުރިހާ ފަންނާނުންނާ އެކު "ސަޅި" ކޮންޓެންޓެއް ނެރުމަށްޓަކައި ހެދި މޭޝަޕެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ ވަކި ހާއްސަ ދުވަހަކަށް ހެދި މޭޝަޕްއެއް ނޫން. އަޅުގަނޑުމެންނަކީ އަބަދުވެސް ތަފާތު ކޮންޓެންޓްތައް ހަދައި ނެރެމުންދާ ބައެއް. އެގޮތުން މިފަހަރު މި ނެރުނު މޭޝަޕްއަކީ ގިނަ ބަޔަކު އެކަމަށް ރިކުއެސްޓް ކުރަމުންދާ ކޮންޓެންޓެއް. އެކަން މިހާރު ވަރަށް ރަނގަޅަށް ފެންނަން އޮތީ. މިއީ މިހާތަނަށް އެންމެ ބޮޑު ތަރުހީބެއް ވެސް ލިބުނު މޭޝަޕް. އެންމެ އުފާވަނީ މިފަދަ ސަޅި ކޮންޓެންޓްތައް ސަޕޯޓަރުންނާ ހަމައަށް ގެނެސްދެވޭތީ،" ޖަޒްލާން ބުންޏެވެ.
މީގެ ކުރިން ވެސް އަންހެނުންގެ ދުވަހާ ދިމާކޮށް 1438 އިން މޭޝަޕެއް ނެރެފައިވާ އިރު، ކުރިއަށް އޮތް ތަނުގައި ވެސް އިތުރު މޭޝަޕްތަކާއި އިތުރު ލަވަތަކުގެ އިތުރުން އިތުރު ކޮންޓެންޓްތައް ނެރުމަށް އެ ގްރޫޕުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދެތިން މަސް ތެރޭ އެ ގްރޫޕްގެ ބޭންޑް، ސްކޯލިއޯގެ އަމިއްލަ ރާގުގެ ލަވައެއް ނެރުމުގެ މަސައްކަތްތައް ދަނީ މިހާރު ކުރެވެމުންނެވެ. އަދި ބޮޑުބެރު ލަވައެއް ވެސް ނެރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ގްރޫޕްގެ އަމާޒަކީ ތަފާތު ލަވަތަކާއި ތަފާތު އެކި ކޮންޓެންޓްތައް ސަޕޯޓަރުންނަށް ދޫކޮށްލައި، ބޮޑުބެރަށާއި ދިވެހި ލަވަތަކަށް އޮތް ލޯބި އިތުރުކުރުމެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް