ދިރާގު ފުވައްމުލަކު ރަންގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ދިރާގު ރަން ފުވައްމުލަކުގައި ބާއްވަން ނިންމާފައިވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުއެވެ. މިއީ ދިރާގުން ރާއްޖޭގެ އަތޮޅެއްގެ ރަށެއްގައި އެކުންފުނީގެ ދުވުން ބާއްވަން ހަމަޖެއްސި ފުރަތަމަ ފަހަރެވެ. މި ތާރީހީ ދުވުން ބާއްވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެންނެވެ.

ދިރާގު ފުވައްމުލައް ރަންގައި ހިމެނޭ 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރަތަން ކެޓަގަރީތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލި އިރު، އެ ދުވުމުގައި ބައިވެރިކުރުމަށް ކަނޑައަޅާފައިވަނީ 1،500 ދުވުންތެރިންނެވެ. އެހެންވެ އެ ލިމިޓް ހަމަވަންދެން، ރަޖިސްޓްރީކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގައި ދުވާ ދުވުންތެރިން ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 250 ރުފިޔާއެވެ. ހާފް މެރަތަންގައި ދުވާ ދުވުންތެރިން ދައްކަން ޖެހޭނީ 350 ރުފިޔާއަށެވެ. އަދި ޑުވެލް ކެޓަގަރީގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޑައިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ދިރާގު ފުވައްމުލައް ރަންގައި ބައިވެރިވާން ދައްކާ ފީގެ ތެރެއިން ކޮންމެ ރަޖިސްޓްރޭޝަނަކުން 100 ރުފިޔާ ފުވައްމުލަކުގެ ތަރައްގީއަށް މުހިންމު ކަމެއް ކުރުމަށް އެ ސިޓީގެ ކައުންސިލާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

  • އެއް ވަނަ 25،000 ހާސް
  • ދެވަނަ 15،000 ހާސް
  • ތިންވަނަ 10،000 ހާސް
  • 10 އަދި 5 ކިލޯމީޓަރު ދުވުމުގައި 10،000 ރުރިޔާ، 8،000 ރުފިޔާ އަދި 6،000 ރުފިޔާގެ އިނާމުތައް

މި ބައްދަލުވުގައި މި ފަހަރުގެ ދިރާގު ރަންގެ ކިޓް އަދި މެޑަލް ވަނީ ދައްކާލައިފައެވެ. އޭގެ އިތުރުން ސްކޫލު ކެޓަގަރީގައި އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

މިރުޝާން ވިދާޅުވީ ފުވައްމުލަކުގެ އިތުރުން މާލެ ސަރަހައްދުގައި ދިރާގު ރޯޑްރަން މި އަހަރު ބާއްވަން ހަމަޖައްސާފައިވާ ތާރީހަކީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 24 އެވެ.