މާލޭގެ ކެފޭއެއްގެ ތެރޭ އިއްޔެ ހިނގި މާރާމާރީގައި އަނިޔާ ލިބުނު ދެމީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗް މީޑިޔާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ ކެފޭ މާރާމާރީގައި އެކެއްގެ ހާލު ވަރަށް ބޮޑަށް ސީރިއަސް ވެގެން އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެމީހާގެ ހާލު އިއްޔެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ސީރިއަސް ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އިއްޔެ 12:10 އެހާކަންހާއިރު މާވެޔޮމަގުގައި ހުންނަ ކެފޭއެއްގެ ތެރޭ މާރާމާރީއެއް ހިންގި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން ފަހުން ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައި ވަނީ އެ ކެފޭގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ކައްކާއާއި ބަންގުލަދޭޝްއަށް ނިސްބަތްވާ ހެލްޕަރާ ދެމެދު ކަމަށެވެ.
"ދެ މީހުނަށް ވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. ބަންގުލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ" ފުލުހުން ބުންޏެވެ.
ނަމަވެސް އެ ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެއެވެ. ފުލުހުން އިތުރަށް ބުނީ އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު