އައިޖީއެމްއެޗްގެ ސާޖަރީތައް ހުއްޓާލި ކަމަށް ބުނެ ފަތުރާ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

ސާޖަރީ ހަދާނެ އާލާތްތައް ނެތުމުން އައިޖީއެމްއެޗްގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާ ކަމަށާއި ހަމައެކަނި ކުރިއަށް ގެންދާނީ އެމަޖެންސީ އޮޕަރޭޝަންތައް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތަކެއް ފަތުރަމުންނެވެ.

އެ ވާހަކަ ދޮގުކޮށް އައިޖީއެމްއެޗުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ހޮސްޕިޓަލުގެ އެއްވެސް ސާޖަރީއެއް މި ވަގުތު ހުއްޓާލާފައިނުވާ ކަމަށެވެ.

"އާންމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް، މިފަދަ ހަގީގަތާ ހިލާފު މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޒިންމާދާރު ކަމާއެކު މައުލޫމާތު ފެތުރުމަށް ނަސޭހަތްތެރިވަމެވެ،" އައިޖީއެމްއެޗްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް އަބްދުއްރައްޒާގު ހަލީމް މިއަދު "ވަން" އަށް ވިދާޅުވީ ސާޖަރީތައް ޝެޑިއުލްއާ އެއްގޮތަށް މިއަދުވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ސާޖަރީތަކަށް ބޭނުންވާ އާލާތްތަކަކީ އަބަދުވެސް ސްޓޮކް އައުޓްވާއިރަށް އާކުރާނެ އެއްޗެހި ކަމަށާއި އެ ހޮސްޕިޓަލުން މަސައްކަތް ކުރަނީ ބަލި މީހުންނަށް ބޭނުންވާ ފަރުވާގެ ކަންކަން ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

"ކޮންސިމަބަލްސް ޑިލޭވީމަ ކަންނޭނގެ ކޮންމެވެސް މީހަކު އެގޮތަށް ވާހަކަަ ދައްކާފައި ހުރީ. އަޅުގަނޑު ވަރަށް ހިތާމަކުރާކަމެއް ދެކޮޅު ނުބަލައި މީހަކު އެއްޗެކޭ ބުނާއިރަށް ކުރި މަސައްކަތްތަކެއް ނެތް ފާހަގަކޮށްފައެއް އަބަދުވެސް ހަގީގަތް ރަނގަޅަށް ނުބައްލަވާ،" އޭނާ ވިދާޅުވިއެވެ.