މިއަދު ދޫކޮށްލާ ތިން އަސީރުންގެ ތެރޭގައި އެމެރިކާ މީހަކު ހިމެނޭނެ ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސް އިން އިއްޔެ އާންމު ކޮށްފައިވާ ބަޔާނެއްގައި ވާގޮތުން މިއަދު ދޫކޮށްލަން ހަމަޖައްސާފައި ވަނީ 2023 އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ކުއްލި ހަމަލާގައި އަސީރުންގެ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހެކެވެ.

އިސްރާއީލާއި ހަމާސް އިން ހަމަލާދިނުން ހުއްޓާލުމަށް ނިންމައި ވެފައިވާ އެއްބަސްވުމުގައި ވާގޮތުން ހަމާސް އިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުން މިނިވަން ކުރުމާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރަން ޖެހެއެވެ.

ހަމާސް އިން މިއަދު މިނިވަން ކުރާ މީހުންނަކީ ކެއިތް ސެއިގެލް އާއި ޔާދެން ބިބާސް ގެ އިތުރުން އޮފާ ކަލްޑެރޯން ކަމަށް އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މިއަދު މިނިވަން ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކެއިތް ސެއިގެލް އަކީ އެމެރިކާއަށް ނިސްބަތްވާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިސްރާއީލުގައި އޭނާ ދިރިއުޅުނު ގެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. ކެއިތް ސެއިގެލް ހައްޔަރުކުރި އިރު އޭނާގެ އަންހެނުން ވެސް ހައްޔަރުކޮށްފައިވާއިރު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ އަންހެން މީހާ ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.