ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމަކުން އަދި އޭނާގެ ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޭގައި އިންނެވުމަކުން ހަމްދަރުދީއެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ފައިސަލް މަގާމުން ވަކިކުރެއްވުމަށްފަހު، ޓޫރިޒަމް މިނިސްޓްރީ ހިންގުން ވަގުތީގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ވަނީ ހަވާލުކުރައްވައިފައެވެ. ނަމަވެސް ފައިސަލް ވަކިކުރެއްވި ސަބަބެއް ސަރުކާރުން ނުބުނެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި އުޅެނީކީ އެގްރިމަންޓެއް ނަގައި ދިއްކޮށްލައިގެން އެހެން ދިމާލަކަށް ގޮސްގެން ނޫން ކަމަށާއި އުފެދިގެން އުޅެނީ "ބައި އެޅުމުގެ މައްސަލައެއް" ކަމަށެވެ.
"އަޅުގަނޑުގެ ހަމްދަރުދީއެއް ފައިސަލް ވަކިވުމަކުން، އަބްދުއްރަހީމް ގޭގައި އިނުމަކުން އަޅުގަނޑުގެ ހަމްދަރުދީއެއް ނެތް. އެއީ ކޮންމެ ބަޔަކުވެސް ކުރާ ކަންކަމުގައި އަޖަލު އެމީހަކާ ބައްދަލުކުރާނެ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދުގެ މައްސަލަ ވެސް ނުބެލޭނެ ކަމަށާއި ފުލުހުން ތަހުގީގުކުރަން ފެށުމުން އެ ބޭފުޅުންގެ ފަރާތުން ދައްކާނެ ވާހަކަތައް ހުންނާނެ ކަމަށެވެ.
"ފަޒުލްއަށް ވީ ކިހިނެއްތޯ، މުއާޒް ރަޝީދަށް ވީ ކިހިނެއްތޯ، މުބީން ހަދަނީ ކިހިނެއްތޯ، ދެން ތިބި ބަޔަކު ހަދަނީ ކިހިނެއްތޯ. މިއިން އެއްވެސް ކޮރަޕްޝަންގެ މައްސަލައެއް ބެލިއްޖެތޯ، ނުބަލާ. ބެލޭކަށް ނެތް، އެކަން ފޮނުވޭކަށް ނެތް. އެކަން ފުލުހަށް ތަހުގީގުކުރަން ގޮސްފި ކަމަށްވަންޏާ، އެމީހުންގެ ފަރާތުން ދައްކާނެ ވާހަކަތައް ހުންނާނެ، މުއާޒް ރަޝީދު އެ އޮތީ އެ ވާހަކަ ބުނެފަ. އެހެންވީމާ އެކަމެއް ނެތް ވާކަށް،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މައްސަލަތައް ފެށުމުގެ ކުރިން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މަޖިލީހުގައި 100 ޕަސެންޓް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް ވިދާޅުވެފައިވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުއްރަހީމް ވަކިކުރުމުގެ މަސައްކަތް ފެށިފައިވާކަން އެނގިފައިވާ ކަމަށެވެ.
ޔާމީން އެހެން ވިދާޅުވި ނަމަވެސް، މިދިޔަ އަންގާރަ ދުވަހު "ވަން"އަށް ދެއްވި އިންޓަވިއުއެއްގައި ފަލާހު ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް ވަކިކުރުމުގެ މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އަބްދުއްރަހީމްއާ އެކު އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށާއި އެއްވެސް "ކޯޅުމެއް" ވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު