ބައިތުއްޒަކާތު ނުވަތަ ޒަކާތް ހައުސް ބިލްޑިންގެ ނަމުގައި 10 ބުރީގެ އިމާރާތެއް ހުޅުމާލޭގައި މިއަހަރު ތެރޭގައި ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ އިމާރާތް ވެގެންދާނީ ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުއްޔަށް ދޭ ޒަކާތު ފަންޑުގެ ފުރަތަމަ އިންވެސްޓުމެންޓް ކަމަށެވެ.
"މި އިމާރާތުގެ އޮފީސް ބައިތަކުން ލިބޭ ނަފާ ބެހިގެން ދާނީ ޒަކާތުގެ ހައްގުވެރިންނަށް" ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި ޒަކާތު ހައުސް އުފެއްދެވީ ވެސް އެެހެންވެގެން ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ވެސް މިދިޔަ އަހަރަކީ މުދަލުގެ ޒަކާތް އެންމެ ގިނައިން ލިބުނު އަހަރު ކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން ޒަކާތު ފަންޑަށް 101 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް ޒަކާތް ހައުސް އުފައްދައިފައިވަނީ 2023 ޑިސެމްބަރު 18 ގަ އެވެ. ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.
ސަރުކާރުން ކުރިން ބުނެފައިވަނީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަމުން ގޮސްފައިވަނީ މާ ބޮޑު ނިޒާމީ ވިސްނުންތަކެއް ނުވަތަ ސިޔާސަތުތަކެއް ވެސް ނެތި ކަމަށެވެ. ނަމަވެސް ޒަކާތު ހައުސްއާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު