އަންހެން ނޫސްވެރީންނަށް ފުރައްސާރަކުރާ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހުންނަށް ގޮވާލައިފިއެވެ.
އެމްޖޭއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އަންހެން ނޫސްވެރިންނަށް، އެ މީހުން ކުރާ ނޫސްވެރިކަމުގެ މަސައްކަތްތަކާ ވިދިގެން ފުރައްސާރަކޮށް ދިމާކުރުމުގެ އަމަލުތައް ހިންގުން މިދިޔަ ދެތިން މަހެއްހާ ދުވަސްތެރޭ ގިނަވެފައިވާކަން ފާހަގަވެފައިވާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. ހާއްސަ ގޮތެއްގައި ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އަންހެން ނޫސްވެރިންނަށް، ފުރައްސާރަކޮށް ދިމާކުރުމުގެ އަމަލުތައް ގިނަވެފައިވާކަން، އެ ޖަމިއްޔާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
އެގޮތުން ސަންގު ޓީވީގެ ނޫސްވެރިއެއް ކަމަށްވާ ފާތިމަތު މަދަދާއަށް އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ހަރަކާތްތެރިވާ އެކައުންޓަކުން، ފުރައްސާރަ ރައްދުވާ ގޮތަށް އޭނާގެ ފޮޓޯއާއެކު ޕޯސްޓެއް ކޮށްފައިވާ ކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުންޏެވެ.
"އެ ޕޯސްޓްކޮށްފައިވަނީ މިފަހުން އޭނާ ރައީސުލްޖުމްހޫރިއްޔާގެ އެކި އިވެންޓުތައް ކަވަރުކުރާތީ އެކަމާ ގުޅުވައެވެ. އަދި ޕޯސްޓަށް ކޮމެންޓުކުރި އާންމު އެހެން ފަރާތްތަކުން ވެސް އޭނާއަށް ފުރައްސާރަކޮށްފައިވާކަން ފާހަގަކުރެވެއެވެ." އެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.
- ރިވާޔާ ނޫހުގެ އެޑިޓަރު އާއިދާ އަބްދުލް ހަކީމް ވިޔަފާރިވެރިޔަކާ ކުރި ސުވާލަކާ ގުޅިގެން، އެ ވިޔަފާރިވެރިޔާ އާއިދާއަށް ފުރައްސާރަކޮށް އެކްސްގައި ޕޯސްޓުތަކެއްްކޮށްފައިވާ މައްސަލަ
- އަސްލު ޓީވީގެ އަންހެން ނޫސްވެރިއެއް ކަމަށްވާ ޝާމާ ޝުއައިބު، ފުލުހުން މަގުމަތީ ހިންގި އޮޕަރޭޝަނެއްގެ ފޮޓޯއެއް ނެގުމުން އޭނާއަށް ފުލުހުން މަޖުބޫރުކޮށް އެ ފޮޓޯ އޭނާގެ ފޯނުން ފުހެލި މައްސަލައެއް
- ސަންގު ޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު ޒަކީއަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދިމާކޮށް ފުރައްސާރަކޮށް އިންޒާރު ދިނުން
- މިހާރު ނޫހުގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ އެކްސްކޯ މެންބަރު އާސިމާ ނިޒާރު ލިޔުނު ލިޔުމަކާ ވިދިގެން އޭނާއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ދިމާކޮށް ބިރުދައްކައި ހެދުން
"މިފަދަ އަމަލުތައް މި ޖަމިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް މި ޖަމިއްޔާއިން ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި ފުލުހުން ވެސް މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލައި އެކަންކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އެޅުމަށް މި ޖަމްއިއްޔާއިން ގޮވާލަމެވެ." އެމްޖޭއޭގެ ބަޔާނުގައި ބުންޏެވެ.
އެމްޖޭއޭ އިން އިތުރަށް ބުނީ ނިސްބަތުން އަންހެން ނޫސްވެރިން، ނޫސްވެރިކަމުގައި ހަރަކާތްތެރިވާލެއް ވަރަށް މަދުއިރު، އަންހެން ނޫސްވެރިންނަށް ސީދާ ޓާގެޓުކޮށް އެ މީހުންނަށް ފުރައްސާރަކޮށް ދިމާކުރުމުގެ އަމަލުތައް އިތުރުވުމަކީ މި ދާއިރާއަށް އަންހެނުން ނުކުންނަން ފަސްޖެހި އަދި މިހާރު ތިބި އަންހެން ނޫސްވެރިންނަށް ވެސް ކުރިމަތިވާ ބިރުވެރިކަމަކާއި ފަސްޖެހުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު