ޓޫރިޒަމް ވިޔަފާރިތަކުން ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމުވާ ގޮތަށް، ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ބާރުދީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ރިސޯޓުތަކުން މަހެއްގެ ތެރޭ ބޭންކުތަކަށް 25 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ވަރަށް މަދު ރިސޯޓުތަކެއް ފިޔަވައި ޖުމުލަކޮށް މުޅި ރާއްޖޭގައި އޮޕަރޭޓުކުރާ ގިނަ ރިސޯޓުތަކުން އެ ގާނޫނަށް ތަބާވެ، ޑޮލަރު މާރުކުރަމުން އަންނަ ކަމަށެވެ.

"މިހާތަނަށް ވެސް އެމްއެމްއޭގެ ގަވަރުނަރު އެންމެފަހުން އަޅުގަނޑަށް ދިން މައުލޫމާތު، އެއީ މިދިޔަ ހޯމަ ދުވަހު ދިން އަޕްޑޭޓުގައި ވެސް 25 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފައި. އެއީ އެއް މަހުގެ ތެރޭގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ އެއްވެސް ވިޔަފާރިވެރިޔަކަށް އިސްތިސްނާއެއް ނުދޭނެ ކަމަށާއި ކޮންމެ ރިސޯޓެއް ކަމުގައިވިޔަސް، އަދި އެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ ކޮންމެ ފަރާތެއް ވިޔަސް ގާނޫނާ އެއްގޮތަށް އެކަން ކުރަން ޖެހޭނެ ކަމަށެވެ.

"އެހެންވީމާ އެކަން ރަނގަޅަށް ތަންފީޒުކުރަމުން ދިޔައީމާ، އަޅުގަނޑުމެންގެ އިގުތިސާދަށް ވަރަށް ބޮޑު ފަސޭހަތަކެއް އަންނާނެ. ވިޔަފާރިވެރިންނަށް ވެސް އަޅުގަނޑުމެން މި ރާވާފައި އޮތްގޮތަށް ކުރިއަށްއޮތް ހައެއްކަ މަސްދުވަހުން ފެށިގެން ކުރިއަށްއޮތް އަހަރުތެރޭގައި އަދި ވަރަށް ބޮޑުތަނުން އެކި ކަންކަން ފަހިކުރެވި، އާންމު ރައްޔިތުންނަށް ވެސް އޭގެން އެތައް ފައިދާތަކެއް، ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް، ކިޔަވާ ކުދިންނަށް، ޖުމުލަކޮށް ހުރިހާ ރައްޔިތުންނަށް ފައިދާވާނެ. އެހެންވީމާ އިގުތިސާދަށް މި ރަނގަޅު ބަދަލުތައް އަޅުގަނޑުމެން މި ގެންދަނީ ގެންނަމުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ވިޔަފާރިތަކުން ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމުވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 12 ގައި ބޭއްވި މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 60 ވަނަ ޖަލްސާ އިންނެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ރައީސް، އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މިމަހުގެ އެކަކުން ފެށިގެން އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ.