ކުލަބު ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމަށް ގދ. ގައްދޫ އަތިރީގެ އަބްދުﷲ އަޒްމީން އައުމާ ގުޅޭގޮތުން ހިނގައިދިޔަ ކަންތައްތަކަކީ، އެކުލަބްގެ ހިނގާ ގަވާއިދާ ހިިލާފު ކަންތައްތަކެއް ކަަމަށް ބުނެ ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުން ގޮތެއް ކަނޑައެޅޭނެ މައްސަލައެއް ނޫން ކަމަށް އެ ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ، ކްލަބް ވެލެންސިޔާގެ ޗެއާމަން ކަމަށް 11 ޑިސެމްބަރު 2023 ގައި އަޒްމީން އެ ކްލަބްގެ ހިންގާ ގަވާއިދާ ހިލާފަށް އައިސްފައިވާތީ އާއި ހިންގާ ކޮމިޓީގެ ޖަލްސާއަކުން އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސްކޮށް ވަކިކޮށްފައި ވަނިކޮށް ހަމަ އެދުވަހު އެ މަގާމުން އިސްތިއުފާ ދިނުމަށްފަހު، ކުލަބްގެ ހިންގާ ގަވާއިދާ ހިލާފަށް އާއްމު ޖަލްސާއެއް ބައްވާފައިވާ ކަމަށް ބަޔާންކޮށް ލިޔެކިޔުން ތައްޔާރުކޮށް، މ. ހިރިނައިދޫ ހަސަން ވަހީދު އާއި ހދ. ނެއްލައިދޫ ޕޫނަލް އަލީ މަމްދޫހު މުހައްމަދާއި ޅ. ހިންނަވަރު އަސަރީގެ އަލީ މިސްބާހު މުހައްމަދަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކޮށް، އެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމެއްނެތި، އޭގެ ތެރެއިން ހަސަން ވަހީދު ވެކެންސިޔާއިން ވަކިކޮށްފައިވަނީ އެ ކުލަބުގެ ހިންގާ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އެފަރާތްތަކުން އެދިފައިވަނީ މައްސަލައިގައި ފާހަގަ ކޮށްފައިވާ ކަންކަން ބާތިލްކޮށް، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކީލަށް ކުރަން ޖެހުނު ހަރަދު ނެގުމަށެވެ.
މި މައްސަލަ ބެލުމަށްފަހު ކޯޓުން ބުނެފައި ވަނީ، ކުޅިވަރުގެ ގާނޫނަށް ރިއާޔަތް ކުރާއިރު، ކުލަބްގެ ހިންގާ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ބަލައި ފިޔަވަޅު އަޅައިދިނުމަށް ދައުވާ ކުރާ ފަރާތްތަކުން ހުށަހަޅަން ޖެހޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްއަށްކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
"އަދި ކޮމިޝަނާ އޮފް ސްޕޯޓްސް ނިންމާ ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭނަމަ ކުޅިވަރުގެ ގާނޫނުގެ ދަށުން އެ ނިންމުމެއް އިސްތިއުނާފަށް ހުށަހަޅަން ޖެހޭނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ކަން އެނގެން އޮތްއިރު، މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހަޅައި، ކޮމިޝަނާ ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން، ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް އިސްތިއުނާފަށް ހުށަހެޅުމަށްފަހު، އެ ފަރާތުން ނިންމި ނިންމުމާ ގުޅިގެން ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައިކަން ދައުވާއަށް ބެލުމުން އެނގޭކަށް ނެތް،"
އެހެންކަމުން މި ދައުވާގައި އެދުނު ކަންކަމަކީ ކުޅިވަރުގެ ގާނޫނުން ކޮމިޝަނާ އޮފް ސްޕޯޓްސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން އޭނާގެ ނިންމެވުން އެ މައްޗަށް އޮތް ކަންތައްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނިންމެވުމެއް ނަފީ ކުރުމަށް ވެލެންސިޔާގެ މައްޗަށް ދައުވާ ކުރެވޭނެ ގާނޫނީ ހަމައެއް ނެތުމުން، މި ދައުވާ ހުށަހަޅާފައި ވަނީ މަދަނީ އިޖުރާއަތިގެ ގާނޫނާ އެއްގޮތަށް ކަމަށްނުވާތީ، މި ދައުވާއާ މެދު ސިވިލް ކޯޓުން ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.
އަދި ދައުވާ ކުރާ ފަރާތްތަކަށް މި ދައުވާ ކާމިޔާބު ވެފައިނުވާތީ ޝަރީއަތުގެ ހަރަދުގެ ގޮތުގައި ދައުވާކުރާ ފަރާތުން ހޯދުމަށް އެދުނު، ގާނޫނީ ވަކީލަށް ކުރި ހަރަދު ވެލެންސިއާގެ ކިބައިން ދައުވާކުރާ ފަރާތްތަކަށް ނަގައި ދެވޭނެ ތަނެއް ނެތް ކަމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު