ހއ. ދިއްދޫގައި ހަދާ އެއާޕޯޓާއި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ، މިދިޔަ 14 ވަރަކަށް މަސް ދުވަހުގެ ތެރޭގައިވެސް ރައްޔިތުންނަށް ކޮށްދޭނެ ކަމެއް ވައުދުވެވަޑައިގެންނެވި އެތައް ކަމެއް ފަށައި، ނިންމާފައިވާނެ ކަމަށެވެ. އެގޮތުން ދިއްދުއަށް ވެވަޑައިގެންނެވި ވައުދުތައްވެސް ފުރިހަމައަށް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިއްދޫއަށް ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރެއިން ރައީސް އެންމެ ފުރަތަމަ ތަފުސީލަކަށް ވަޑައިގެންނެވީ އެ ރަށު އެއާޕޯޓްގެ މަޝްރޫއުއަށެވެ. ރައީސް ވިދާޅުވި ގޮތުގައި ދިއްދޫ އެއާޕޯޓަކީ އެ ރަށުގެ ތަރައްގީއަށާއި މުޅި ހއ. އަތޮޅުގެ މެދު އަދި ދުރު ރާސްތާގެ ތަރައްގީގައިވެސް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި އެއީ އުތުރުގެ ތަރައްގީގެ ޒޯން ހަގީގަތަކަށް ހެދުމަށްޓަކައިވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެ މަޝްރޫއުގެ ބައެއް މަސައްކަތްތައް އެމްޓީސީސީއަށް އަދި އެހެނިހެން މަސައްކަތްތައް ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމަށް ފްރޭމްވޯކް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ނުދެއްވައެވެ.

"..(އެއާޕޯޓް)ގެ މަސައްކަތް މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް، ބިން ހިއްކުމާއި އެކީގައި ފަށައި، ބިން ހިއްކުން ނިންމައި ދެން ކުރަންޖެހޭ ޝޯ ޕްރޮޓެކްޝަން އަދި ރަންވޭ މިހެން ގޮސް ހުރިހާ މަސައްކަތާއި އެއާޕޯޓުގެ އިމާރާތްތަކާއެކު ހުރިހާ ކަމެއް ފެށޭ ހިސާބުން ބާރު ސްޕީޑުގައި ގެންގޮސް ނިންމަދޭނަމޭ. ނިންމައި ދެން އަޅުގަނޑު އިރާދަކުރެވިއްޔާ މި ރަށަށް އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓް ހުޅުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިއްދޫގައި ހަދާ އިންޓަނޭޝަނަލް ފެންވަރުގެ ދަނޑުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށެވެ.