ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް އަބްދުﷲ ވަކިކުރަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން މަސައްކަތް ކުރަމުންނުދާ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
އެއާއެކު އަބްދުއްރަހީމް މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރަން އުޅޭ ވާހަކަތަކާއި ޕީއެންސީގެ ކަންކަމުން އަބްދުއްރަހީމް އެކަހެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނާ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.
ނަމަވެސް އެ ވާހަކަތައް ދޮގުކުރައްވައި ފަލާހު "ވަން" އަށް މިއަދު ވިދާޅުވީ ޕީއެންސީގެ ތެރޭގައި އަބްދުއްރަހީމްއާ އެކު އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށާއި އެއްވެސް "ކޯޅުމެއް" ވެސް ނެތް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކިކުރައްވަން އުޅޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް. އެފަދަ އެއްވެސް ކަމެއް ނުހިނގާ. އަބްދުއްރަހީމްއާ، ޕާޓީ ތެރޭގައި އެއްވެސް މައްސަލައެއް ނެތް،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މިއަދު ހިނގި ކަންތައްތަކުގެ ސަބަބުން އެފަދަ ވާހަކަތައް އެކި ފަރާތްތަކުން ދައްކަމުންދާނެ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކި ކުރުމުން، އަބްދުއްރަހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ފައިސަލް މަސައްކަތް ކުރެއްވީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅު އިބްރާހިމް ފައިސަލަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ފަހުރުވެރިވަން. ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ކަމުގެ މަގާމުގައި ހުރެގެން ހިދުމަތް ކުރީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު. ނަތީޖާނެރެދެއްކެވި. ދާއިރާގެ އިތުބާރާ ލޯބި ހޯދި. މާތްﷲ ދަރިފުޅު ފައިސަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރުކުރައްވާ އުޖާލާ މާދަމާއެއް ދައްކަވާށި. އާމީން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އަބްދުއްރަހީމް "ދައުރު" ނޫހަށް ދެއްވި އިންޓަވިއެއްގައި ވަނީ ސަރުކާރަށް ކޮންމެވެސް ވަރަކަށް ފާޑު ވިދާޅުވެފައެވެ. އަބްދުއްރަހީމް ވިދާޅުވީ ފައިސަލް މަގާމުން ވަކިކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި ރައީސް މުއިއްޒާއި ގުޅުން ރަނގަޅުނަމަ އެފަދަ ފިޔަވަޅެއް ނާޅުއްވާނެ ކަމަށެވެ.
"މިއީ ފައިސަލްގެ ވެސް ވަރަށް ބުރަ މަސައްކަތާއި ވަރަށް ބޮޑު ބައިވެރިވުމަކާ އެކު ގެނައި ވެރިކަމެއް މިއީ. އަނެއްކާ އޭނާއާ ގުޅޭ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް [ގޯސް] ކަމެއް ފާހަގަވެފައެއް ނެތް. އެހެން ވީމާ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ފައިސަލް، މިނިސްޓަރުގެ މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ފައިސަލްއަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބުދެއްވާފައިނުވާތީ އޭނާގެ ބަހެއް ވެސް ލިބޭގޮތް ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު