ބިދޭސީ ޓީޗަރުން އަގުބޮޑުކޮށް ޓިއުޝަން ދޭ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ގދ. ގައްދޫ ކައުންސިލުން ދީފިއެވެ.

އެ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި ހުންނަ އަތޮޅު ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން އާންމުންގެ އަތުން އެކަށީގެންނުވާ ވަރުގެ ބޮޑު އަގު ނަގައިގެން ޓިއުޝަން ދޭ ކަމުގެ ޝަކުވާތައް އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އެ ކައުންސިލުން ބުނީ، ޝަކުވާތަކާ ގުޅިގެން ހާއްސަ ފިޔަވަޅުތައް އެޅުމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ޓިއުޝަން ދިނުމަކީ ގާނޫނާއި ގަވާއިދާ ހިލާފު ކަމަށްވާ އިރު، އެއީ ސްކޫލުގައި ރަނގަޅު ގޮތެއްގައި އަދި ހަމަހަމަކަމާއެކު ކުދިންނަށް ކިޔަވައިދިނުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ދެކޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެ ގަވައިދުގައި އިތުރަށް ބުނީ، ހިތުހުރި ގޮތަކަށް އަމިއްލައަށް މުސާރައާއި އަގު ހަދައިގެން ގަވައިދާ ހިލާފަށް ގައްދޫގައި ޓިއުޝަން ދެމުންދާ ޓީޗަރުންނަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި އަދި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ކަމާގުޅޭ އިދާރާއަށް ފޮނުވާނެ ކަމަށެވެ.