ނ. ކެނދިކުޅުދޫން ފުރި ޑިންގީއެއްގައި ރޯވެ، ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.
ކެނދިކުޅުދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ހަސަން މިރޭ 'ވަން' އަށް ވިދާޅުވީ، އެ ރަށުން ނ. މާފަރަށް މިއަދު އިރުއޮއްސި ހަތެއް ޖަހާކަންހާއިރު ފުރި އެ ޑިންގީގައި ރޯވީ އިންޖީނަށް ކަމެއް ދިމާވެގެން އެކަން ރަނގަޅު ކުރުމުގެ ތެރޭގައި ކަނި ކެނޑި، އޭރު ވަތުތެރެއަށް ޕެޓްރޯލް އެޅިފައި ހުރުމުގެ ސަބަބުން ކަމަށެވެ.
އޭރު އެ ޑިންގީގައި އުމުރުން ދުވަސްވީ އަންހެނަކާއި ޒުވާން ފަސް ފިރިހެނުން ތިބި ކަމަށާއި ޑިންގީގައި ރޯވުމުން އެންމެން މޫދަށް ފުންމާލި ކަމަށްވެސް މުހައްމަދު ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މީހުން ފަތާފައި ދަނިކޮށް، އެ މީހުން ނަގައިގެން އެއްގަމަށް ގެނައީ އެ ވަގުތު މަސް ބާނަން އުޅުނު ޑިންގީއަކަށް ފެނިގެންނެވެ.
ކެނދިކުޅުދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަހުމަދު އާރިފް 'ވަން' އަށް ވިދާޅުވީ، އެ ހާދިސާގައި އެ މަރުކަޒަށް ތިން މީހަކު ގެނައި ކަމަށެވެ.
އޭގެ ތެރެއިން އުމުރުން ދުވަސްވީ އަންހެން މީހާގެ ކަނާތު ފައިގެ ތިލަމަތި ފިހިފައި ހުރި އިރު، އޭނާއަށް ފަރުވާ ދިނުމަށްފަހު އޮބްޒަވޭޝަންގައި ބާއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
ދެން ގެނައި ދެ ފިރިހެން ކުދިންގެ ހަށިގަނޑުގެ ބައެއް ތަންތަން ވަރަށް ކުޑަކޮށް ފިހިފައި ހުރުމުން ފަރުވާއަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް އާރިފް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު