ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިޔަކު ރޭޕް ކުރަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަބްދުﷲ ނަދީމު މިރޭ 'ވަން' އަށް ވިދާޅުވީ، ނޮޅިވަރަންފަރުގެ ގެސްޓްހައުސް އަކަށް އައިސް އުޅޭ އަންހެން ފަތުރުވެރިޔަކު އިއްޔެ ބީޗުގައި އުޅެނިކޮށް، އޭނާ ގަދަކަމުން ހިފަހައްޓައި ޖިންސީ އަނިޔާކުރަން އުޅެފައިވާ ކަމަށެވެ.
"ފަތުރުވެރިޔާ ރަށަށް އައިސް އުޅެނީ ގުރޫޕަކާއެކު. ސްވިޑިޝް މީހެއް ކަމަށް ވަނީ، އޭނާ ބުނެފައިވަނީ ރޭޕްކުރަން އުޅުނު ކަމަށް. އެކަމުގެ ސަބަބުން ފަތުރުވެރިޔާ އައިސް ތިބި ގެސްޓްހައުސް މީހުންވެސް ތިބީ ޝޮކެއްގައި،" ނަދީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނޮޅިވަރަންފަރަށް ނިސްބަތްވާ މީހެއް ކަމަށާއި ނަމަވެސް އޭނާއަކީ އެފަދަ ކަމެއް މީގެ ކުރިން ކުރި މީހެއް ކަމެއް އަދި އޭނާގެ ކުށުގެ ރެކޯޑެއް އޮންނަ ކަމެއް އެނގިފައި ނެތް ކަމަށް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ނޮޅިވަރަންފަރު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި އިއްޔެ ހިނގި ހުތުރު އަމަލަކީ އެ ރަށަށާއި ރަށުގެ ރައްޔިތުންނަށް ލިބުނު ހިތާމައެއް ކަމަށާއި އަދި އެއީ އެ ރަށުގެ ރީތި ނަމަށް ލިބިގެންދިޔަ ހުތުރު ކިލަނބު ކަމެއް ކަމަށެވެ.
އަދި އެ އަމަލު ކުށްވެރިކޮށް، އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހައްގު އަދަބުދިނުމަށްވެސް ވަނީ ގޮވާލައިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނެތެވެ.
ޚަބަރު
ޚަބަރު
ޚަބަރު