ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ކުރަނީ އެ ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެ ތުހުމަތު ކުރާކަން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ވަން' އަށް ކަށަވަރު ކޮށްދެއްވި ނަމަވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެއްވެސް ތަފުސީލެއް ހިއްސާއެއް ނުކުރެއެވެ.
"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލައިގައި ފަޒުލްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފައެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުން އަންނަ ތަހުގީގުގެ ތެރެއިން ފަޒުލް ދިރިއުޅޭ ގެ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ވަނީ ބަލައި ފާސްކޮށްފައެވެ.
އެ ގެއިން ތަހުގީގުގެ ބޭނުމަށް ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތުން ބައެއް ތަކެތި ގެންގޮސްފައިވާއިރު، ނަގުދު ފައިސާ އިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ގެންދިޔަކަން 'ވަން' އަށް ވަނީ މައުލޫމާތު ލިބިފައެވެ. އެކަންވެސް ފުލުހުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު