ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި ދިވެހި ސަރުކާރާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަވަށްޓެރި އިންޑިއާއިން ދީފިއެވެ.
އެ ޔަގީންކަން އިންޑިއާއިން ދިނީ، އެ ގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޖީ. ބަލަސުބްރަމާނިއަމް، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން ދެ ބޭފުޅުން ދެއްކެވި ވާހަކައިގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ މިނިސްޓްރީ ހިންގާ، ފަތުހުﷲ ޖަމީލް ދީދީ ބިލްޑިންގައި ބޭއްވި އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހްމަތްތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުގެ ފަަރާތުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަމަށްޓަކައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވައިފައެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ވަނީ ދެ ގައުމަށް ފައިދާހުރި ކަންތައްތައް ހާސިލުކުރުމަށް ޓަކައި ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން ސެެކްރެޓަރީ ފާތިމަތު އިނާޔާ، އެމްބެސެޑާ އެޓް ލާޖް، މުހައްމަދު ފަހުމީ ހަސަން، އިންޑިއާ ޑިވިސަންގެ ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ، ޑިރެކްޓަރު އަހުމަދު ސުޒިލް އަދި ޑިރެކްޓަރު އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ އަރިހުގައި ޑެޕިއުޓީ ހައިކޮމިޝަނަރު ކުމާރް ގޯރަވް ބައިވެރިވެވަޑައިގަތެވެ.
އިންޑިއާއިން ރާއްޖެއަށް އާ ސަފީރަކު ހަމަޖައްސާފައިވަނީ 2021 ވަނަ އަހަރުން ފެށިގެން ސަފީރުކަމުގައި ހުންނެވި މުނޫ މަހާވަރްގެ ދައުރު މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވުމުންނެވެ.
ޖީ. ބަލަސުބްރަމަނިއަމަކީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޑިޕްލޮމެޓިކް މައިދާނުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ މޮސްކޯ އާއި ބެންކޮކްގައި ހުންނަ އިންޑިއާ މިޝަންގެ ޑެޕިއުޓީ ޗީފްގެ މަގާމުވެސް ފުރުއްވާފައެވެ.
މީގެ އިތުރުން އޭނާއަކީ އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ޕެސިފިކްއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްވެސް މެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު