މޯލްޑިވްސް އިމިގްރޭޝަނަށް ފިލުމަށް ބިދޭސީ މަސައްކަތްތެރީންތަކެއް ރ. މަޑުއްވަރިއަށް އެރި މައްސަލައެއް އެ ރަށު ކައުންސިލުން ފުލުހުންނާއި އިމިގްރޭޝަނަށް ހުށަހަޅައިފިއެވެ.

މަޑުއްވަރީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމަރަލްޑް ރިޒޯޓުގައި މަސައްކަތްކުރާ 60 ވަރަކަށް ބިދޭސީ މަސައްކަތްތެރީން އިމިގްރޭޝަނަށް ފިލައިގެން މަޑުއްވަރީއަށް އައިސްފައިވާ ކަމަށެވެ.

މަޑުއްވަރީ ކައުންސިލުގެ ރައީސް މުހައްމަދު ސޯދިގު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އާންމުކޮށް ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން ބާޒާރުކޮށްލުމަށް އެ ރަށަށް ދާ ކަމަށެވެ. ނަމަވެސް މިއަދު އާދަޔާ ހިލާފަށް ގިނައިން ބިދޭސީ މަސައްކަތްތެރީން މަޑުއްވަރީއަށް އެރުމުން އެކަން އެ ރަށު ޕޮލިސް ސްޓޭޝަނަށް އެންގި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަންގެ މަސައްކަތްތަކުގެ ދަށުން މަޑުއްވަރީގައި ތިބި ބިދޭސީ މަސައްކަތްތެރީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުނު ކަމަށާއި އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ތިބި ކަމަށް ސޯދިގު ވިދާޅުވިއެވެ. ނަމަވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދެއް ކަށަވަރުކޮށްދެއްވައިފައެއް ނުވެއެވެ.

އިމިގްރޭޝަނަށް ފިލުމަށް ބިދޭސީ މަސައްކަތްތެރީންތަކެއް މަޑުއްވަރިއަށް އެރި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަނެއް ހިންގަމުންނެވެ. އިއްޔެގެ ނިޔަލަށް އިމިގްރޭޝަނުން ވަނީ 25،400 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިޓް ޑޭޓާ ނަގައިފައެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރަމުންދާ މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރީލް މަހު ކާމިޔާބުކަމާއެކު ނިންމައިލެވޭނެ ކަމަށެވެ.