ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ދިޔަ ހަަ ކުއްޖަކު އަނބުރާ އަތުވެއްޖެއެވެ.
މޯލްޑިވިއަން ބްލަޑް ސާވިސް އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ މުއައްސަސާގެ އެހީއާއެކު ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފުރާފައިވާ ހަ ކުއްޖަކު މިހާރު އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިއީ ތެލަސީމިއާ ހުންނަ ކުދިންނަށް ދެވޭ އެހީ ރަނގަޅުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ހެއްކެއް ކަމަށްވެސް ބުންޏެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ވަން"އަށް މިއަދު ވިދާޅުވީ ބޯންމެރޯ ހެދުމަށްޓަކައި މިވަގުތު ރާއްޖެއިން ބޭރުގައި ހަތް ކުއްޖަކު އެބަތިބި ކަމަށާއި އޭގެ ތެރެއިން ފަރުވާއަށްފަހު ތިން ކުއްޖަކު، އަންނަ މަހުގައި ރާއްޖެ އަންނާނެ ކަމަށެވެ. އަދި ބާކީ ތިބި ހަތަރު ކުދިން ފަރުވާ ހޯދަމުން އަންނަ ކަމަށް ބުންޏެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓަކީ، އިންސާނުންގެ ކަށީގެ ތެރޭގައި ހުންނަ، ލޭގެ ސެލްތައް އުފައްދާ ސްޓެމް ސެލްތައް ބަދަލުކޮށްލާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހަދަނީ، ހަށިގަނޑުގައި އުފައްދާ ލޭގެ ސެލްތަކަކީ ރަނގަޅު ސެލްތަކެއްކަން ކަށަވަރުކުރުމަށްޓަކައެވެ.
ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓު ހިލޭ ހެދޭނެ ގޮތަށް ނިޒާމު ގާއިމުކޮށްދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ވައުދުގެ ދަށުން ކުރިއަށްއޮތް ފަސް އަހަރު، ކޮންމެ އަހަރަކުވެސް ސަރުކާރުގެ އެހީގައި ޖުމުލަ ދިހަ ކުދިން ބޯންމެރޯ ޓްރާސްޕްލާންޓް ހަދަން ފޮނުވަން ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމަކީ، ތެލަސީމިއާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމެކެެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު