ގާޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ފަނަރަމަސްވީ ގަތުލުއާއްމު ވަގުތީގޮތުން ހުއްޓައިލުމުގެ އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މިސްރާއި ގަތަރު އަދި އެމެރިކާގެ މެދުވެރިކަމުގެ ދަށުން ފަރުމާކުރެވިފައިވާ މި އެއްބަސްވުން ތަންފީޒު ކުރުމަށް އިޒްރޭލާއި ހަމާސްއިން އެއްބަސްވެފައިވަނީ 19 ޖެނުއަރީން ފެށިގެންނެވެ. މި އެއްބަސްވުމަކީ ޖުމްލަ ތިން ފިޔަވައްސަކަށް ބަހާލެވިފައިވާ އެއްބަސްވުމެކެވެ. އޭގެތެރެއިން ފުރަތަމަ ފިޔަވައްސަށް އަމަލުކުރަން ފަށާ ތާރީޚަކީ މިއަދެވެ. އެއްބަސްވުން ފަރުމާކޮށް މެދުވެރިންގެ ދައުރު އަދާކުރަމުންދާ ގައުމުތަކުގެ ތެރެއިން ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހުމާން ވިދާޅުވެފައިވަނީ މިއީ ފަނަރަމަސްވީ ލޭއޮހޮރުވުންތަކަށް ނިމުން އަންނާނޭ އެއްބަސްވުމެއް ކަމަށް ގަބޫލުކުރާ ކަމަށާއި މީގައި ބަޔާންކުރާ ކަންކަމަށް ދެފަރާތުންވެސް ތަބާވެ ތަންފީޒު ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މި އެއްބަސްވުން ބަހާލެވިފައިވާ ފިޔަވަހި ތަކަކީ ކޮބައިބާވައެވެ.
ފުރަތަމަ ފިޔަވަހީގެ މުއްދަތަކީ ޖުމްލަ ހަ ހަފުތާއެވެ. އެހެންގޮތަކަށް ދަންނަވާނަމަ 42 ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ހުރިހާ ބާވަތެއްގެ ހަމަލާތައް ހުއްޓައިލާނެއެވެ. ގާޒާގައި އާބާދުވެފައިވާ ސަރަހައްދުތަކުން އިޒްރޭލް ސިފައިންނާއި ހަތިޔާރު ބާލާނެއެވެ. ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލުގެ ރައްޔިތުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި ޒަޚަމްވެފައިވާ މީހުންނާއި އަންހެނުން މިނިވަންކޮށް ދޫކޮށްލެވޭނެއެވެ. އަދި އުމުރުން އަށާރަ ނުފުރޭ ކުޑަކުދިންވެސް ދޫކޮށްލެވޭނެއެވެ. މީގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރު ކުރެވިފައިވާ ފަލަސްތީނުގެ ގައިދީންގެ ތެރެއިން އެތައްސަތޭކަ ބަޔަކުވެސް މިނިވަން ކުރެވޭނެއެވެ. މިގޮތަށް މިނިވަންކުރެވޭ ފަލަސްތީނުގެ ގައިދީންގެ ތެރެއިން ގާޒާއަށް ރުޖޫއަވާ ކޮންމެ މީހަކަށް އެމީހަކު ބޭނުންވާ ރަށެއްގައި ވަޒަންވެރި ވެވޭނެއެވެ. ހަމައެޔާއެކު ގާޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ގެންގޮސް ފަލަސްތީނުގެ ރައްޔިތުންނަށް ބެހުމުގެ މަސައްކަތްވެސް ފެށޭނެއެވެ.
އިޒްރޭލަށް ދެވަނަ ފިޔަވަހީގައި ކުރަން ލާޒިމު ކަންކަން ތަންފީޒުކުރާނެ ގޮތުގެ ތާވަލެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނީވެސް ފުރަތަމަ ފިޔަވަހީގައި މިހިމެނޭ 42 ދުވަހުގެ ތެރޭގައެވެ. އެ މަޝްވަރާތައް އެޔަށްވުރެ ދިގުލައިގެން ހިނގައްޖެނަމަ އެކަމަށް ބޭނުންވާ ކޮންމެ މުއްދަތަށްވެސް މި އެއްބަސްވުން ދެމިގެންދާނެއެވެ. ފުރަތަމަ ފިޔަވަހީގެ ދުވަސްތަކުގެ ގޮތުގައެވެ. ދެންއޮތީ ދެވަނަ ފިޔަވައްސެވެ. މި ފިޔަވަހީގައި އޮތީ ހަމާސްއިން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން އިޒްރޭލުގެ އަސްކަރިއްޔާއަށް ނިސްބަތްވާ ފިރިހެނުން މިނިވަންކުރުމެވެ. ކުރީގެ ފިޔަވަހީގައި ދޫކޮށްލި މީހުންނަށްފަހު ދެން ބާކީތިބި އެންމެން ދޫކޮށްލުމެވެ. އެޔާއެކު ގާޒާގައި ބާކީތިބި އިޒްރޭލުގެ ސިފައިންގެ އެންމެނާއި ހަތިޔާރުތައްވެސް ގާޒާއިން ބާލާނެއެވެ. ހަގުރާމަ ހުއްޓައިލުމުގެ މި އެއްބަސްވުން ދާއިމީ އެއްޗަކަށް ބަދަލުވާނީ މި ފިޔަވަހީގައި މިކަންކަން ފުރިހަމަ ކުރުމުންނެވެ. ދާއިމީ އެއްޗަކަށް ބަދަލު ނުވަންޏާ ގާޒާޔަކުން އިޒްރޭލުގެ ހުރިހާ ސިފައިން ނުވެސް ފައިބާނެއެވެ.
ގާޒާ އަލުން އާރާސްތުކުރުން ނުވަތަ އިމާރާތް ކުރުމުގެ ޕްލޭން ހިމެނެނީ ތިންވަނަ އަދި އެންމެފަހު ފިޔަވަހީގައެވެ. ފާއިތުވި ފަނަރަމަސް ދުވަހުގެ ތެރޭގައި ވަޔާއި ކަނޑާއި އެއްގަމުން އިޒްރޭލް ސިފައިން ދީފައިވާ ހަމަލާތަކުގައި މުޅި ގާޒާވަނީ މުޅިން ސުންނާފަތި ވެފައެވެ. ސިއްހީ ޚިދުމަތެއް ނެތެވެ. ސްކޫލް ނިޒާމެއް ނެތެވެ. ޚިދުމަތުގެ އެއްވެސް އޮނިގަޑެއް ނެތެވެ. ހުރީ މުޅިންވެސް ގައުފުނިތަކެކެވެ. އެތައް މިލިޔަން ގައުފުންޏެކެވެ. މި ގައުފުނިތައް ސާފުކޮށް ގާޒާ އަލުން އާރާސްތުކުރަން ފެށުމުގެ މި ފިޔަވަހީގެ ފެށުމަކީ އިޒްރޭލުގެ އަސީރުންގެ ތެރެއިން ފާއިތުވި ފަނަރަމަސް ދުވަހުގެ ތެރޭގައި އެކިގޮތްގޮތުން މަރުވެފައިވާ މީހުންގެ ކަށިތައް އިޒްރޭލަށް ގެންގޮސް އެމީހުންގެ އާއިލާތަކާ ހަވާލުކުރުމެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އަލުން މަޝްވަރާކުރަން ޖެހެނީ ފަހު ދެފިޔަވައްސަށް އަމަލުކުރާނެ ތާވަލެއް އެކުލަވައިލުމަށް ކަމުގައެވެ. އެފަދަ ތާވަލެއް ނެތުމާއެކު މި އެއްބަސްވުން މިވަގުތު އަދިފުރިހަމަ ނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މަތީގައި ބަޔާންކުރެވިފައިވާ ފަދައިން ހަގުރާމައަށް ނިމުން ގެނައުމުގެ އެއްބަސްވުމުގެ އެންމެ މައިގަޑު ކަމަކީ އަސީރުން ބަދަލު ކުރުމެވެ. އިޒްރޭލުގެ ރަހީނުންނާއި ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމެވެ. ހަމާސްގެ އަތްދަށުގައި ތިބީ ކޮން އަސީރުންނެއް ހެއްޔެވެ. ބަލައިލަމާބަހީއެވެ. މީގެ ފަނަރަމަސްކުރިން 7 އޮކްޓޫބަރު 2023 ގައި ހަމާސް ޖަމާއަތުގެ ކޮމާންޑޯއިން އިޒްރޭލުގެ ތެރެއަށްވަދެ ހިންގި ކުއްލި އޮޕަރޭޝަނެއްގައި އިޒްރޭލުގެ 251 މީހަކު ރަހީނުކޮށްގެން ގާޒާއަށް ގެންގޮސްފައިވެއެވެ. އަސީރުންނަކީ އެއީއެވެ. މީގެތެރެއިން ބައެއް މީހުން މީގެކުރިން ވަނީ މިނިވަން ކުރެވިފައެވެ. މިހާރު ބާކީތިބި ކަމަށް އިޒްރޭލުން ބުނަނީ 94 މީހުންނެވެ. އޭގެތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ. އެއްބަސްވުމުގައި އިޝާރާތް ކުރެވޭ އިޒްރޭލުގެ އަސީރުންނަކީ ދިރިތިބިކަމަށް ބެލެވޭ 60 މީހުންނާއި މަރުވިކަމަށް ބެލެވޭ 34 މީހުންނެވެ. މަރުވި މީހުން އިޒްރޭލަަށް ރުޖޫއަކުރުމަކީ އެމީހުންގެ ކަށިތައް ހަވާލުކުރުމެވެ.
އިޒްރޭލަށްވެސް ފަލަސްތީނުގެ ގައިދީންތަކެއް މިނިވަންކުރަން ލާޒިމު ކުރެވިފައިވާއިރު އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ދިހަހާހެއްހައި ގައިދީން އެބަތިއްބެވެ. ގިނަބަޔަކު ސަރިޔަތަކާ ނުލައެވެ. މިއެންމެން މިނިވަންކުރުމަށް ދެފަރާތުގެ އެއްބަސްވުން ލާޒިމެއް ނުކުރެއެވެ. މިނިވަންކުރާނީ ގިނަވެގެން 1650 މީހުންނެވެ. އޭގެތެރޭގައި ހަމާސް ޖަމާއަތުގެ އެކިފަންތީގެ މުޖާހިދުން ހިމެނޭނެއެވެ. އިޒްރޭލުން ދޫކޮށްލާ މީހުންގެ ތެރޭގައި ހަމާސް ޖަމާއަތުން ބޭނުންވާ މީހުން ހިމެނުމަށް އެ ޖަމާއަތުން ގެންދަނީ ބާރުއަޅަމުންނެވެ. ޖުމްލަ ދިހަހާސް މީހުންގެ ތެރެއިން ދޮޅުހާހެއްހައި މީހުން ދޫކޮށްލެވޭއިރު އެ ލިސްޓުގައި ހަމާސް ޖަމާއަތުން ބޭނުންވާ ބަޔަކު ހިމެނުމަށް އެމީހުން މަސައްކަތް ކުރާނެތާއެވެ. ފަހަރުގައި މިކަމަކީ އައު މަޝްވަރާތަކުން އަވަސް ނަތީޖާއެއް ނެރުމަށް ހުރަސްއެޅިދާނެ ކަމެކެވެ. އެކަމުގެ ސިގުނަލެއް އިޒްރޭލުން މިހާރުވެސް ވަނީ ދީފައެވެ. އެކަން ނޫނިއްޔާ އެއްބަސްވުން ތަންފީޒު ކުރުމަށް އިތުރު ހުރަހެއް ނެތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ