ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމް މިނިސްޓްރީން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފިއެވެ.

ވެލާނާގެ ކުރިމަތީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ވިދާޅުވީ އެމިނިސްޓްރީގެ 70 ވަރަކަށް މުވައްޒަފުން ހިމެނޭހެން މިއަދުގެ 18:00 އަށް އެ ހަަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އޮޕަރޭޝަން ކުރަނގީގެ ގްރޭޓާ މާލެ އޭރިޔާގެ ސަރަހައްދަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ހަރަކާތެއް މިއަދު ބޮޑަށް ފޯކަސް ކުރަނީ ރާއްޖޭގެ އެޑިއުކޭޝަން ސެކްޓާއަށް ނިސްބަތްވާ ޓީޗަރުންނާއި މާލެ އޭރިޔާއަށް ނިސްބަތްވާ ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތި އެއްކުރުމަަށް،" މަޖީދު ވިދާޅުވިއެވެ.

އޭގެ އިތުރުން މަޖީދު ވިދާޅުވީ އެ ހަރަކާތް ގުޅިފަޅާއި ހުޅުމާލެ އާއި ވިލިމާލެ އަދި ތިލަފުށި އަދި ޕްރައިވެޓް ސްކޫލުތަކާއި ސަރުކާރުން ހިންގާ ސްކޫލުތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ހަރަކާރުގެ ތެރެއިން ބިދޭސީން ސްކްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި 2024 ގެ މޭޑޭގައި ފެށި އެ ހަރަކާތުން މިހާތަނަށް 55 ރަށެއްގައި އެ ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށް މަޖީދު ވިދާޅުވިއެވެ.

"މީގެ އިތުރުން ބޮޑެތި އޯގަނައިޒޭޝަންސް ތަކުން މިވަނީ އެމީހުންގެ މައުލޫމާތު އެއްކުރަން ފެށިފައި. އެގޮތުން އައިޖީއެމްއެޗް، އޭޑީކޭ، ޓްރީޓޮޕް އެމްޓީސީސީ، އެސްޓީއޯ، އެޗްޑީސީ ބޮޑެތި އެސްއީތަކުން މިވަނީ އެ މަސައްކަތް ސްޓާޓް ކުރެވިފައި،" މަޖީދު ވިދާޅުވިއެވެ.

މިހާތަނަށް މާލެ ސަރަހައްދުން 2،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި މުޅި ރާއްޖެއިން 24،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް މަޖީދު ވިދާޅުވިއެވެ.

ކައުންސިލުތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ ކައުންސިލުތަކަށް ވެސް ބައޯމެޓްރިކްސް މައުލޫމާތު ނެގުމާ ގުޅޭޭ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި 185 ކައުންސިލުން 21،723 ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް މަޖީދު ވިދާޅުވިއެވެ.

"އޮޕަރޭޝަން ކުރަންގި ޕްލޭނުކޮށް ރޭވިފައި މި އޮތީ ތިން އަހަރު ދުވަހުގެ ޕްލޭނެއްގެ ތެރެއިން މަަަސައްކަތް ކުރަން. ޓާގެޓަކީ މިއަހަރުގެ 2025 ވަނަ އަހަރުގެ މޭޑޭ އައުމުގެ ކުރިން މިހާރު މިގެންދާ އައިޑީ ކުރުމުގެ އިވެންޓު، އެ ހަރަކާތްތައް ރާއްޖޭގައި ކާމިޔާބު ކަމާއެކު ނިންމާލަން." މަޖީދު ވިދާޅުވިއެވެ.

އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު މިނިސްޓްރީން ފަހިކޮށްދެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.