އާޓީފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މިރޭ އަނެއްކާވެސް މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ބުނީ މިރޭ 8:30 އެހާކަންހާއިރު ރިޕޯޓްކުރި އެ މައްސަލައިގައި މާރާމާރީ ހިންގި މީހުންގެ މަންޒަރު ރިކޯޑް ކުރި ދިވެއްސަކަށްވެސް ބިދޭސީން ހަމަލާދީ މާރާމާރީ ހިންގި ކަމަށެވެ. އެ މައްސަލައާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުވެސް ބިދޭސީންތަކެއް ވަނީ އާޓިފިޝަލް ބީޗުގައި މާރާމާރީއެއް ހިންގައިފައެވެ. އެ މާރާމާރީގައި އިސްކޮށް އުޅުނު ކަމަށް ބުނާ މީހާ ހައްޔަރުވެސް ކުރިއެވެ. އަދި އޭނާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އޭރު ބުންޏެވެ.

ނަމަވެސް މިއަދާ ހަމައަށްވެސް އޭނާ ޑީޕޯޓް ކޮށްލި ކަމެއް އިމިގްރޭޝަނުން ނުބުނެއެވެ.