ދައުލަތުގެ މުއައްސަސާތަކުން މާލީ މުއާމަލާތްތަކުގައި ލުއި ދިނުމަށް ނުވަތަ ދައްކަންޖެހޭ ފައިސާ މާފު ކޮށްދެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ އާއެކު ކަމަށް ކަނޑައަޅައި، އެ ކަމުގައި އަމަލުކުރާނެ އުސޫލެއް މިއަދު އާންމުކޮށްފިއެވެ.

"ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި މަންފާ ހޯދައިދިނުމާއި ފައިސާ މާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ނަމުގައި ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު އުސޫލުގައި ވަނީ، ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުން މުއާމަލާތެއްގައި މީހަކަށް ލުޔެއް ނުވަތަ މަންފާއެއް ދިނުމުގައި އެ އުސޫލަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

ކައުންސިލްތަކުންނާއި ޓޫރިޒަމް ގާނޫނުގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއަށް ލުއި ދިނުމުގައި އަމަލުކުރަން ޖެހޭނެ ގޮތްތައްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން ޓޫރިޒަމް ގާނޫނުގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާއާއި އިސްޓްރެސްޓް ބަހާލައިގެން ވަކި ގޮތަށް ދައްކަން ލުއި ދިނުމާއި މާފު ދިނުމަށް ނިންމާ ހާލަތުގައި ރައީސްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެފަދަ ހާލަތްތަކުގައި ލުއި ދެވޭނީ ފުރަތަމަ ދައްކަންޖެހޭ ފައިސާ ނުވަތަ އަޕްފްރަންޓް ފައިސާ 45 ދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ހަލާސްކުރުމުން ކަމަށް އުސޫލުގައިވެއެވެ.

އުސޫލުގައިވާ ގޮތުން ދައުލަތުގެ އޮފީސްތަކާއި ޓޫރިޒަމް މިނިސްޓްރީން ލުއިދިނުމަށް ރައީސްގެ ހުއްދަ ހޯދަން ޖެހުނު ނަމަވެސް ލޯކަލް ކައުންސިލްތަކުން އެ ހުއްދަ ރައީސްގެ ކިބައިން ހޯދާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި ކައުންސިލް މެންބަރުން ހާޒިރުވާ ޖަލްސާއަކުން ފާސްކޮށްގެން ލުއި ދޭން ނުވަތަ މާފު ދޭން ނިންމޭނެ ކަމަށް އުސޫލުގައިވެއެވެ.