ސީން 'ޑިޑީ' ކޯމްބްސްއަށް ކުރާ އާ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ. އެއީ ދެ ފިރިހެނުންނާއެކު ޒުވާން އަންހެނަކަށް "މަސްތުވާތަކެތި ދީ، ރޭޕްކުރި" ކަމުގެ ތުހުމަތެވެ.
ދައުވާގައި ބުނާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ 2000 ވަނަ އަހަރު އެވެ. އެއިރު ނަން ހާމަނުކުރާ އެ އަންހެން ކުއްޖާ، ހުރީ ނިއު ޔޯކް ސިޓީގެ ރިހާއިޝީ އިމާރާތެއްގައި ކުޑަކުދީން ބަލަހައްޓާ ތަނެއްގައެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެ އަންހެން ކުއްޖާ ޑިޑީއާ ބައްދަލުވެފައިވަނީ އޭނާ ހިނގާފައި ދަނިކޮށް، ޑިޑީ ކާރެއްގައި އިންދައެވެ. އޭނާ ބުނާ ގޮތުން "ވަރަށް ބޮޑަށް ބާރުއަޅައި އެދުމުން" އޭނާ އެ ކާރަށް އަރާފައިވެއެވެ. އެ ކާރުގައި ޑިޑީގެ ދެ އެކުވެރިން ވެސް ތިއްބެއެވެ.
ކާރަށް އެރިނަމަވެސް، އެމީހުން ވައުދުވި ފަދައިން އޭނާ ގެއަށް ނުގެންދިއުމުން ބިރުގަތްކަމަށް އަންހެންކުއްޖާ ބުނެފައިވެއެވެ. އޭނާއަށް 'ހިތްހަމަޖެއްސުމަށް' ބުއިމެއް ދިން ކަމަށާއި ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ވަރަށް ބޮޑަށް މަސްތުވެ، ހަމައިން ނެއްޓި ކަމަށް ވެސް ބުނެފައިވެއެވެ. ޑިޑީއާ އޭނާގެ އެކުވެރިން، އޭނާ ގެންގޮސްފައި ވަނީ އޭނާއަށް ޖިންސީ ގޯނާކުރި ތަނަށް ކަމަށް މައްސަލައިގެ ޝަކުވާގައި ބުނެފައިވެއެވެ.
އެ އަމަލު ހިންގުމަށްފަހު، އަނބުރާ އޭނާގެ ގެޔަށް ގެންގޮސް، އެ ދެ ފިރިހެނުން އޭނާ ލޮބީއަށް އެއްލައިލި ކަމަށް ވެސް ތުހުމަތުގައިވެއެވެ.
ވެރައިޓީ އަދި ޕީޕަލް މެގަޒިންއަށް ދީފައިވާ ބަޔާނެއްގައި ކޯމްބްސްގެ ގާނޫނީ ޓީމުން މި ތުހުމަތުތައް ވަރަށް ހަރުކަށި ގޮތެއްގައި ދޮގުކޮށްފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ކިތަންމެ ދައުވާއެއް ހުށަހެޅިޔަސް، ޑިޑީ އެއްވެސް މީހަކަށް ޖިންސީގޯނާ ކޮށްފައި ނުވާކަމުގެ ހަގީގަތަށް ބަދަލެެއް ނާންނާނެއެވެ. އަދި އެއްވެސް މީހަކު ޖިންސީ ވިޔަފާރީގައި ބޭނުންކޮށްފައެއް ނުވާނެކަމަށްވެސް ބުނެފައިވެއެވެ. އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް، ބޮޑެއް ވިޔަސް ކުޑައެއް ވިޔަސް މި ދިރިއުޅެނީ ކޮންމެ މީހަކަށްވެސް ކޮންމެ ސަބަބަކަށް ޓަކައި ދައުވާއެއް ކުރެވިދާނެ ދުނިޔެއެއްގައި ކަމަށާއި، ހަގީގަތް ހޯދުމަށް އިންސާފުވެރި އަދި ވަކިފަރާތަކަށް ނުޖެހޭ ޝަރުއީ ނިޒާމެއް އެބައޮތް ކަމަށެވެ. އަދި ކޯޓުގައި ކާމިޔާބު ހޯދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ.
55 އަހަރުގެ މިޔުޒިކް ދާއިރާގެ މަޝްހޫރު މިފަންނާނުގެ މައްޗަށް ހުށަހެޅިފައިވާ ދައުވާތަކުގެ އަދަދު ވަނީ ވިއްސަށްވުރެ މައްޗަށް އަރައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން