އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވެގެން 19 ކުންފުންޏަކަށް ފިޔަވަޅުއަޅައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، އުސޫލާ ހިލާފުވެފައިވާ ކުޑަބޮޑުމިނަށް ބަލައި އެ ކުންފުނިތައް 5،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އުމްރާއަށް މީހުން ގެންދިއުމަށް އެ މިނިސްޓްރީން ދީފައިވާ ރަސްމީ ލައިސަންސް ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭއިން ޑޮލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލަ އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެކުންފުނި 30،000 ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި މައްސަލަ ތަހުގީގު ކުރަން ޕޮލިހަށް ފޮނުވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ ޕޮލިހަށް ފޮނުވާނީ، ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުންކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތުކުރެވޭތީއެވެ. އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރުމަށް ގެޒެޓް ކޮށްފައިވާ އުސޫލަށް އަމަލު ނުކުރާ ހުރިހާ ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެކުރިންވެސް އުމްރާއަށް ގެންދިއުމުގެ އުސޫލާ ހިލާފުވެގެން ބައެއް ކުންފުނިތަކަށް ވަނީ ފިޔަވަޅު އަޅައިފައެވެ.