ލޮސް އެންޖަލެސްގައި ރޯވެ އަނދަމުންދާ އަލިފާނުގެ ހާދިސާއާ ގުޅިގެން، މަޝްހޫރު މީހުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ޖަމިއްޔާތަކުން ވަނީ ގެދޮރު ގެއްލިފައިވާ ނުވަތަ ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނަށް އެހީވާން ވައުދުވެފައެވެ.

އެގޮތުން ސްޓްރީމިން ހިދުމަތްދޭ ނެޓްފްލިކްސް އަދި މުނިފޫހިފިލުވައިދިނުމުގެ ބޮޑު ކުންފުންޏެއް ކަމަށްވާ ކޮމްކާސްޓް އެންބީސީ ޔުނިވަރސަލް ވެސް ވަނީ އެހީވުމަށް ނުކުމެފައެވެ.

ހޯމަ ދުވަހު ނެޓްފްލިކްސް އަދި ކޮމްކާސްޓް އެންބީސީ ޔުނިވަރސަލް ވަނީ ލޮސް އެންޖެލެސް ސަރަހައްދުގެ އަލިފާނުގެ ހާދިސާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީވާ ޖަމިއްޔާތަކަށް ކޮންމެ ކުންފުންޏަކުން 10 މިލިއަން ޑޮލަރު ހަދިޔާކުރުމަށް ވައުދުވެފައެވެ.

ނެޓްފްލިކްސްގެ ކޯ-ސީއީއޯ ޓެޑް ސަރަންޑޯސް ވިދާޅުވި ގޮތުގައި އެ ކުންފުނިން ހަދިޔާކުރާ ފައިސާ ބަހާލެވޭނީ ފަސް ފަރާތަކަށެވެ. އޭގެ ތެރޭގައި ވޯލްޑް ސެންޓްރަލް ކިޗަން އަދި ލޮސް އެންޖެލެސް ފަޔަރ ޑިޕާޓްމަންޓް ފައުންޑޭޝަން ހިމެނެއެވެ. ކޮމްކާސްޓް ކޯޕަރޭޝަންގެ ޗެއާމަން އަދި ސީއީއޯ ބްރަޔަން އެލް. ރޮބަޓްސް ވަނީ އެ ކުންފުނިން ހަދިޔާކުރާ 10 މިލިއަން ޑޮލަރުގެ ތެރެއިން 2.5 މިލިއަން ޑޮލަރު ހެބިޓެޓް ފޮރ ހިއުމެނިޓީ އޮފް ގްރޭޓަރ ލޮސް އެންޖެލެސްގެ ރީބިލްޑް އެލްއޭ އިނީޝިއޭޓިވްއަށް ކަނޑައަޅާފައިވާކަމަށް ވިދާޅުވެފައެވެ. ބާކީ ހުރި ފައިސާ ދެވޭނީ އަލިފާނުގެ ހާދިސާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އެހީވާ އެހެނިހެން ޖަމިއްޔާތަކަށެވެ.

މީގެ އިތުރުން ސްކްރީން އެކްޓާސް ގިލްޑުން ވަނީ އަލިފާނުގެ ހާދިސާގެ އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމަށް 1 މިލިއަން ޑޮލަރު ހޭދަކުރުމަށް އެ ޖަމިއްޔާއިން ނިންމާފައިވާ ކަން ވެސް އިއުލާނުކޮށްފައެވެ. ގެދޮރު ގެއްލިފައިވާ މަޝްހޫރު ތަރީންނަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވިފައިވީ ނަމަވެސް، އެހާ މަޝްހޫރު ނޫން ގިނަ އަދަދެއްގެ މި ދާއިރާގެ މަސައްކަތްތެރިންގެ ގެދޮރުވެސް ގެއްލިފައިވެއެވެ. ނުވަތަ ގެދޮރު ދޫކޮށް ދާން ޖެހިފައިވެއެވެ.

ބްރޯޑްވޭ ކެއާޒް/އިކުއިޓީ ފައިޓްސް އެއިޑްސްއިން ވަނީ ލޮސް އެންޖަލެސް ސަރަހައްދުގެ ރައްޔިތުންނާއި ފުރަތަމަ އެހީތެރިންނަށް ކާނާ، ހިޔާވަހިކަން، ސިއްހީ ފަރުވާ، ހެދުން އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000 ޑޮލަރުގެ ކުއްލި އެހީ ދީފައެވެ.