މިހާރު ކުރިއަށް މިދަނީ އިރުވައި މޫސުމުގެ ތިން ހަޅަ ކަމަށާއި ދަ ޑިމޮކްރެޓްސްއަށް ކުރިއަށް އޮތީ މާ ކާމިޔާބު ދުވަސްތަކެއް ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ހިމެނޭހެން އެ ޕާޓީގައި އިސްކޮށް އުޅުއްވި ބައެއް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން ޑިމޮކްރެޓްސްއިން ބޮޑުފެންވަޅުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވީ، ޑިމޮކްރެޓްސްއަށް ފަނޑުވުމެއް، ހީނަރުކަމެއް ނެތް ކަމަށެވެ.
"އެނގިވަޑައިގަންވާނެ އިރުވައިގެ ތިންވަނަ ހަޅަ މިހާރު ޖަހަމުން މިދަނީ. އެއަށްފަހު، ހުވަތް ނަކަތް އަންނާނެ އިރާދަކުރެއްވިއްޔާ ވަޔާއި ކަނޑު ހިނދޭނެ. ރީތިކޮށް އަޅުގަނޑުމެންނަށް ދަތުރުކުރެވޭވަރުވާނެ. އަޅުގަނޑުމެންގެ މަސައްކަތުގައި އަޅުގަނޑުމެން ބާރަށް ކުރިއަށްދާނެ،" ވައްޑެ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ މުސްތަގުބަލުގައި ޑިމޮކްރެޓްސް ވެގެންދާނީ ރާއްޖޭގައި ފެން ހިފޭ އެންމެ ރަނގަޅު، އިސްލާހީ، މާނަވީ ބަދަލެއްގެ ވާހަކަ ދައްކާ އަދި އެ މަސައްކަތް ކުރާ ޕާޓީއަކަށް ކަމަށެވެ.
ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުން ޑިމޮކްރެޓްސް ދޫކޮށްލެއްވީ، އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި އެއީ އެ ބޭފުޅުންގެ އަމިއްލަ ސިޔާސީ ނިންމެވުމެއް ކަމުން އެކަމަށް މަރުހަބާ ކިޔާ ކަމަށް ވައްޑެ ވިދާޅުވިއެވެ.
ވައްޑެ އިތުރަށް ވިދާޅުވީ، ޑިމޮކްރެޓްސްގައި އިސްލާހީ ވިސްނުމެއް ތަންމިނަށް ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށާއި އެ މަސައްކަތަށް ޝައުގުވެރިވާ ޒުވާނުންނަށް އެ ޕާޓީއާ ގުޅުމަށް ދައުވަތު އަރުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު