އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސްގެ ހަވާލުގައި މިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ގޮސް، އަނބުރާ ރާއްޖެ ނާދެވި ހާލުގައި ޖެހުނު މީހުން އަންނަ ހޮނިހިރު ދުވަހު ގެންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށްދިޔަ 23 މީހަކު އަނބުރާ ރާއްޖެ ނާދެވި ސައުދީ އަރަބިއާގެ މައްކާގައި ތާށިވި މައްސަލަ ފެންމަތިވީ އިއްޔެއެވެ. އެ މީހުން ތާށިވީ އުމްރާގެ އަޅުކަމަށް ދެއްކި ފައިސާ އަލްހިޖުރަ ގުރޫޕުގެ އެހެން ކަމަކަށް ބޭނުންކުރުމުން ރިޓާން ޓިކެޓު ނުނެގިގެންނެވެ. އެކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު ހާލުގައި ޖެހުނު މީހުން ގެނައުމުގެ މަސައްކަތް ވަނީ ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.

ޝަހީމް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ހާލުގައި ޖެހުނު އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ގަތަރު އެއާވޭސްގައި އެ މީހުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:10 ގައި ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ވަނީ އަލްހިޖުރަ ގުރޫޕާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައި އެ މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅައިފައެވެ. ފިޔަވަޅުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އިދާރީ ކަންކަމާއި ގާނޫނީ މަސައްކަތްތައް ފަސްޖެހުމެއް ނެތި ކުރާނެ ކަމަށްވެސް މިިނިސްޓްރީން ބުންޏެވެ.

  • ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން، އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާސް އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
  • އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކުރުން
  • ހިޖުރަ ކުންފުނި އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަނުދިނުން
  • ހިޖުރަ ކުންފުނީގެ ފަރާތުން އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެ ކުންފުނިން ހޯދުން
  • ހިޖުރަ ކުންފުނީގެ ފަރާތުން އުސޫލާ ހިލާފުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުން